ރައީސް މުހައްމަދު ނަޝީދު

އިނގިރޭސި ސަފީރު ނަޝީދުއާ ބައްދަލު ކުރައްވައިފި

ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަށް އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސްއާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ބައްދަލު ކުރައްވައިފި އެވެ. އެ ބައްދަލު ބާއްވާފައި މި ވަނީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ނަޝީދު ރޭ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ލަންކާގައި ނަޝީދު މަޑުކުރެއްވި ކުރެއްވުމުގެ ތެރެއިންނެވެ.

ނަޝީދާއި އިިނގިރޭސި ސަފީރު ބައްދަލު ކުރެއްވިކަން ކަށަވަރުކޮށްދީ ޖޭމްސް މިއަދު ކުރެއްވި ޓްވީޓެއގައި ވިދާޅުވީ ނަޝީދާއި ބައްދަލު މިވީ ލަންޑަންގައި އެމަނިކުފާނާއި ފުރަތަމަ ބައްދަލު ކުރެއްވިތާ 10 އަހަރަށް ފަހުގައި ކަމަށެވެ. އަދި ނަޝީދާ ބައްދަލު ކުރެއްވީތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު، އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަޝީދު ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަނީ މާދަމާގެ ވަގުތެއްގައި ކަމަށްވެ އެވެ. 

ބޭސް ފަރުވާއަށް ނަޝީދު އިންގިރޭސި ވިލާތށް ފޮނުވަން ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީ ވަނީ އެ ނިންމުމަށް މަރުހަބައި ކިޔާފަ އެވެ. އަދި މީގެ އިތުރުން ކޮމަން ވެލްތު ފަދަ ޖަމިއްޔާތުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ކުރުމަށް ދީފައި ވަނީ 30 ދުވަހެވެ. އަދި އެ ދުވަހަށް ބޭސްފަރުވާ ނުނިމިއްޖެ ނަމަ 45 ދުވަހަށް މުއްދަތު އިތުރުކޮށްދޭން ނިންމާފައިވެ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ އައިސް ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.