ރައީސް މުހައްމަދު ނަޝީދު

އައިއެމްއެފްގެ ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާކަށް ނުޖެހޭ: ނަޝީދު

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި ހިމެނޭ ގައުމުތަކުން ދަރަނީގެ ދަތިކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްތަކުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށާއި އޭގެ ސަބަބުން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ރާއްޖެއިން އެއްބަސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ. ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ.

ނަޝީދު ވިދާޅުވީ ސީވީއެފް ގައުމުތަކަށް ސީވީއެފް-ވީ20 ސެކްރެޓޭރިއޭޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ކާބަން ޓްރޭޑިން ފަދަ ދަރަނި ކުޑަކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ރާއްޖެއިން އެއްބަސްވެފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.

"ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ. އިގުތިސާދީ ހާލަތު އަންނަނީ ކުރީން ލަފާކުރި ވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން،" ސައީދު ވިދާޅުވި އެވެ.