ރައްޔިތުންގެ މަޖިލިސް

ފަސް މެންބަރެއްގެ ނަން އިއްވުމަށްފަހު މަޖިލިސް މެދު ކަނޑާލައިފި

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އަޑުގަދަ ކުރެއްވި ފަސް މެންބަރެއްގެ ނަން އިއްވުމަށްފަހު މަޖިލިސް މެދުކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު އެ މެންބަރުން މަޖިލީހުން ނުކުންނެވުމަށް އަންގަވާފަ އެވެ. އެއަށްފަހު މަޖިލިސް މެދުކަނޑާލެއްވީ ކަމަށް އިއުލާނު ކުރެއްވި އެވެ.

ނަން އިއްވެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ.

"އަޅުގަނޑު ކުޑައިރުކޮޅަކަށް މަޖިލިސް މެދު ކަނޑާލާނަން. އަޅުގަނޑު ރައީސް އަރިހުން އެދޭނަން ކޮޓަރިކޮޅަށް ވަޑައިގަތުމަށް. އެއަށްފަހު ތިބޭފުޅުން ނުކުންނެވީމާ އަޅުގަނޑު ޖެހޭނީ ދެން އަނެއްކާވެސް މަޖިލިސް ފަށަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.