ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ގެނައުމަށް އެކުގައި އުޅުއްވި ހުރިހާ ބޭފުޅުން އެމަނިކުފާނު ދޫކުރައްވާ ވަޑައިގެންފައިވާތީ ރައީސް މުއިއްޒު ހުންނެވީ އެކަނިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ރައީސް މުއިއްޒާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް އިއުލާންކުރައްވާފައި ވަނިކޮށެވެ. އަދި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މިހާރު އިތުރު ވަޒީފާއެއް އަދާކުރެއްވުމަށް މިވަގުތު ދިރިއުޅުއްވަނީވެސް އެފްރިކާ ބައްރުގެ ގާނާ ގައެވެ.
އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރިޕަބްލިކަން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއި، އެމްޑީޕީ ދެބައިވެ ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުންވެސް ރިޔާސީ އިންތިހާބުގައި މުއިއްޒަށް ވޯޓު ދެއްވުމުންނެވެ.
"އެކަމަކު މިހާރު އެ އެންމެންވެސް ރައީސް މުއިއްޒު ދޫކޮށް ގޮސްފި. ރައީސް ޔާމީންވެސް ދުރަށް ވަޑައިގެންފި. މުއިއްޒު ހުންނެވި ޕާޓީވެސް އެކަމާ ގުޅިގެން ބައިބައިވެ މުއިއްޒު ހުންނެވީ އެކަހެރިވެފައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރައްޔިތުން ތިބި ގޮތާއި ސިޔާސީ މަސްރަހު އޮތް ގޮތް އެ އިންތިހާބުން ސާފުކޮށް އެނގޭނެ ކަމަށެވެ.
ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާގެ ނިއުސް އެޖެންސީތަކަށް އިންޓަވިއު ދެއްވާ، އިންޑިއާގެ މަސްލަހަތުގައި އަބަދުވެސް ވާހަކަދައްކަވާ ބޭފުޅެކެވެ. އަދި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވަ އެވެ.