ރައްޔިތުންގެ މަޖިލިސް

އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަނީ ހަކުރު ބައްޔަށް

އާސަންދަ ކުންފުނީގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ ހަކުރު ބައްޔާ ގުޅޭ ކަންކަމުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އާސަންދަ ކުންފުނީގެ އިސްވެރިން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމު ވިދާޅުވީ ހަކުރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ގަތުމަށް އެކަނިވެސް އަހަރަކު 100 މިލިއަނާއި 140 މިލިއަން ރުފިޔާއާ ދެމެދު ހޭދަކުރަން ޖެހޭ ކަމަށެވެ.

އައްޒާމް ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި މި ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ފަރުވާއަށް ބޭނުންވާ ބޭސްތައް ލިބުމުގައި ދައްޗެއް ނެތެވެ. އެފަދަ ދައްޗެއް ހުރި ނަމަ ކުންފުނީގެ ސަމާލުކަމަށް އެކަމެއް ގެނައުމުން ބޭސް ލިބޭނެ އިންތިޒާމު ހަމަހެޖޭނެ ކަމުގައިވެސް ވިދާޅުވި އެެވެ.

"މި ބައްޔަށް ބޭނުންވާ އެންމެ ރަނގަޅު ބޭސްތައް ރާއްޖެއިން ވެސް ލިބެން އެބަހުރި،" އައްޒާމް ވިދާޅުވި އެވެ.

ބޭސް ފަރުވާގެ އެއްވެސް ކަމެއްގައި އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަމާ ގުޅޭ ޕޯޓަލް މެދުވެރިކޮށް އެކަމެއް ހުށަހެޅުމަށްވެސް އައްޒާމު އެދިވަޑައިގެންނެވި އެވެ.

ހަކުރު ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މިފަދަ ބަލިތައް ތަހައްމަލު ކުރަންޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަނީ ސިއްހީ އާދަތައް ބަހައްޓާ ގޮތަކުންނެވެ.