ޖޭއެސްސީ

ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެެރިކުރުވަން ހާއްސަ ޕްރޮގްރާމެއް

ޔޫއެންޑީޕީއާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން "ޖުޑިޝަރީ ފޯ ޖޫނިއާސް"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ޕްރޮގްރާމަކީ ޝަރުއީ ދާއިރާއަށް ޝައުގުވެރިކަން ހުރި 20-15 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ އަންނަ މަހުގެ 17 އިން 24 އަށެވެ.

ޖޭއެސްސީން ބުނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ފަނޑިޔާރުންގެ މަގާމަށް ޒުވާނުންގެ ޝައުގުވެރިކަން އުފެއްދުމާއި އިންސާފުގެ ދާއިރާއާއި އިންސާފު ލިބޭނެ ގޮތުގެ އިލްމު އިތުރުކުރުމެވެ. އަދި ޝަރުއީ ދާއިރާގައި ވަޒީފާ އަދާކުރުމަށް ޒުވާނުންގެ ޝައުގު އުފެއްދުން ކަމަށެވެ.

މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދާނީ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންގެ އިތުރުން ޔޫއެންޑީޕީގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.

މި ޕްރޮގްރާމުގައި މައްސަލައެއް ކޯޓަކަށް ހުށަހެޅުމުން ފެށިގެން ހުކުމު އިއްވުމުގެ މަރުހަލާ ނިމެންދެން ކަންކަން ހިނގާ ގޮތް ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔައިދޭނެ އެވެ. އަދި މި ޕްރޮގްރާމުގެ އެންމެ ފަހު ދުވަހު ކޯޓުގެ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.