ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައާއި ގުޅިގެން ދިފާއުގައި 28 ހެއްކެއް އޭނާ ހުށަހަޅުއްވައިފި އެވެ.
އަޒްމިރަލްދާގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅީ ޖޭއެސްސީ އިން މައްސަލަ ތަހުގީގުކޮށް އެކުލަވާލި ފުރަތަމަ ރިޕޯޓަށެވެ.
އަޒްމިރަލްދާއަށް ތުހުމަތުކުރާ މައިގަނޑު އެއް މައްސަލައަކީ ކުށެއްގެ ތުހުމަތުގައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުކުރުމުން އޭނާ ދޫކޮށްލުމަށް ނުފޫޒު ފޯރުވުމެވެ. ނަމަވެސް އަޒްމިރަލްދާ ގެންދަވަނީ ތަކުރާރުކޮށް އެ ތުހުމަތަށް އިންކާރުކުރައްވަމުންނެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހީމް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ އަޒްމިރަލްދާގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ކިތާބީ 17 ހެކި، ޝަފައީ 11 ހެކި އަދި އިތުރު 11 ހެެއްކެއް ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އަޒްމިރަލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހަޅުއްވާފައިވެ އެވެ.