ހަބަރު

ފަނޑިޔާރު އަރީފް ރިޓަޔާ ކުރައްވައިފި، ހިންގުން އަޒްމިރަލްދާއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރައްވައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނި ގޮތުގައި ފަނޑިޔާރު އަރީފް ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކާ ގުޅިގެންނެވެ.

ފަނޑިޔާރު ކަމުން އަރީފް ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރުގެ ގޮތުގަ އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ހިންގުން މިރޭ ޖޭއެސްސީއިން ވަނީ އެ ކޯޓަށް މިފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ހަވާލު ކުރުމަށް ނިންމާފަ އެވެ.

ކޯޓުތަކުގެ ހިންގުން ހަވާލުކުރުމާއި އިސް ފަނޑިޔާރު އައްޔަން ކުރުމުގައި މިހާރު ޖޭއެސްސީއިން އަމަލު ކުރާ އުސޫލަކީ އެންމެ ސީނިއާ ފަނޑިޔާރަކަށް އެ މަސްއޫލިއްޔަތު ހަވާލު ކުރުމެވެ. މިވަގުތު ސުޕްރީމް ކޯޓުގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރަކީ އަޒްމިރަލްދާ އެވެ.

އަރީފް ރިޓަޔާ ކުރައްވާފައިވާއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއިން ދިޔައީ ތަހުގީގު ކުރަމުންނެވެ. ޖޭއެސްސީގެ ރައީސް ކަމުން ވެސް އަރީފް އިސްތިއުފާ ދެއްވީ މިފަހުންނެވެ. ފަނޑިޔާރު އަރީފާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު އަރީފް ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.

އެފަދަ 15 މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަރީފާ އެއްކޮށް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަގާމު ވެސް ވަކިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާފައެއް ނުވެ އެވެ. އެއްބާރުލުން ނުދެއްވީ ޖޭއެސްސީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަނޑިޔާރު އަރީފް ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވާފަ އެވެ.

މިރޭ ޖޭއެސްސީއިން ވަނީ އެހެން ބޮޑު ނިންމުމެއް ވެސް ނިންމާފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު 60 ދުވަހަށް ސަސްޕެންޑްކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އޭނާ ވަކި ކުރަން ހުށަހަޅަން ނިންމީ ވެސް ހަމަ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ނިންމާފައިވާ ނިންމުންތަކާ ގުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ. ފަނޑިޔާރު ޣަނީ ވެސް ތަހުގީގަށް އެއްބާރުލުން ދެއްވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ޖިނާއީ ހުކުމެއް އައުމުން ސުޕްރީމް ކޯޓުން ހުސްވި ދެ ޖާގައިގެން ކުރެ އެއް ޖާގައަށް ފަނޑިޔާރު ޣަނީ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ހުންނެވީ ހައިކޯޓު ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާއާއެކު ސުޕްރީމް ކޯޓަށް ދެން އައްޔަން ކުރެއްވީ އޭރު ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާ ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

އެހެންކަމުން މި ސަރުކާރު ވެރިކަމަށް އައިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ތިއްބެވި ހަތަރު ފަނޑިޔާރުން މިހާރު އެވަނީ ވަކި ކުރެވިފަ އެވެ. އަދި ފަސްވަނަ ފަނޑިޔާރު ވަކި ކުރުމުގެ މަސައްކަތް އެވަނީ ފަށާފަ އެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ އެވެ.