ވިނަރެސް ފްލެޓް

ވިނަރެސްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ވިނަރެސްގެ ވަގުތީ ލިސްޓް އެޗްޑީސީން އާންމު ކުރީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ ތިން ދުވަހުގެ މުއްދަތަކަށެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިހާރު އެމުއްދަތު އިތުރު ކޮށްފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފޯމު ހުށަހެޅުމަށް 17 ޖުލައި 2022 ވަނަ ދުވަހު ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ 1،413 މީހުންނަށް ވެސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުުރުސަތު ދީފައިވެ އެވެ.

މީގެ އިތުރުން ހުށަހެޅި ފޯމާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން އޮތް ނަމަ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހައުސިން ޕޯޓަލް މެދުވެރިކޮށް އެފަދަ ލިޔުންތައް ހުށަހެޅުމަށް ވެސް ފުރުސަތު ދީފައިވެ އެވެ.