ރައީސް މުހައްމަދު ނަޝީދު

ކޯލިޝަންގެ ބައިވެރިން ވެސް ބޭނުންވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ކުރިން ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް އެދޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ކުރިން ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ނަގަންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް ބުނެފައިވާ ކަމަށެވެ.

މިގޮތުން ގާނޫނުތަކާއި ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމުގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ދެނެގަތުމުގެ ފުރުސަތު ހުޅުވާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ބަލައިގަނެ މި ސަރުކާރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަހައި ގާނޫނުތަކަށް އިސްލާހު ގެނަންޖެހޭ ކަމަށް އަދާލަތު ޕާޓީން ވެސް ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

އަދާލަތު ޕާޓީއާއި އެމްޑީފީން ހުށަހަޅުއްވާފައިވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުކުރާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވެސް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ އެމްޑީޕީ ރިޔާސީ ޕްރައިމެރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ މި ފެންނަ ނުފެންނަ ކަމުގެ ވޯޓު ނުނަގައެއް. މީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފަ އޮތް އެންމެ ބޮޑު ވައުދު،" ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެއީ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަންކަމެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގަރާރެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ގަރާރު ފާސްކުރުމާ ދެކޮޅު ކަމަށް އެމްޑީޕީގެ ކޮންގްރެސްގެ ބައެއް ބައިވެރިންނާއި އެމްޑީޕީގެ ލީޑަޝިޕްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ދެކޮޅު ހެއްދެވުމުން ނަޝީދު ވަނީ އެ ގަރާރު އަނބުރާ ގެންދަވާފަ އެވެ.