ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރު ކެބިނެޓްގައި 28 ވަޒީރުން، ދެ ނައިބުން ހިމެނޭ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ސަރުކާރު އެކުލަވާލައްވައި ކެބިނެޓް އިއުލާން ކުރައްވައިފި އެވެ. އޭނާ ކެބިނެޓްގައި 28 ވަޒީރުން ހިމެނޭއިރު -- އޭގެ ތެރޭގައި ބޮޑުވަޒީރުގެ ދެ ނައިބުން ވެސް ހިމެނެ އެވެ.

ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް އިސްކުރެއްވި ދެ ބޭފުޅުންނަނީ ބަރިސަން ނެޝަނަލް (ބީއެން) ޕާޓީގެ އަހުމަދު ޒާހިދު ހަމީދީ އަދި ގަބުންގަން ޕީޓީ ސަރަވާކް (ޖީޕީއެސް) ޕާޓީގެ ފަލީލަތު ޔޫސުފް އެވެ.

އަންވަރު ސަރުކާރުގައި މާލީ ވަޒީރުކަން އަދާކުރައްވާނީ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެވެ.

މެލޭޝިއާގައި ނޮވެމްބަރު 19 ގައި އޮތް އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދީ އަންވަރު އިބްރާހީމްގެ ޕަކަޓަން ހަރަޕަން (ޕީއެޗް) ޕާޓީ އެވެ. ޕަކަޓަން ހަރަޕަންއަށް 82 ގޮޑި ވަނީ ލިބިފަ އެވެ.

މެލޭޝިއާ ޕާލަމެންޓްގައި ހިމެނެނީ 222 ގޮނޑި އެވެ. އަގުލަބިއްޔަތަކީ 112 ގޮނޑި އެވެ. އެހެންކަމުން އަންވަރު، 75، އަށް ސަރުކާރެއް އެކުލަވާލައްވައި ކެބިނެޓަކާ ހަމައަށް ވަޑައިގެންނެވުނީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހައްދަވައިގެން ނެވެ.

ވަޒީރުން ހުވައިކުރެއްވުން މިއަދު އޮންނާނެ އެވެ. އެއަށް ފަހު އަންވަރު ވިދާޅުވި ގޮތުގައި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން ބޭއްވޭނެ އެވެ.

އަންވަރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މެލޭޝިއާ ކުރިމަގަށް ބައްޓަން ކުރެއްވުމަށް ވަޒީރުން ނަސޭހަތް ދެއްވުން -- ކެބިނެޓްގެ ފުރަތަމަ ޖަލްސާގައި އޮންނާނެ އެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ ވަޒީރަކު ވެސް ޖަވާދާރީވާން ޖެހިވަޑައިގަންނަވާ މަސައްކަތްތަކެއް ހަވާލުކުރެއްވޭނެ ކަމަށެވެ.

ކެބިނެޓް އިއުލާން ކުރެއްވުމުގެ ކުރިން އަންވަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ވަޒީރެއްގެ މަގާމަށް އައްޔަން ކުރެއްވުމަކީ ދެވޭ ހަދިޔާއެއް ނޫނެވެ. އަދި އިނާމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކަށް ވަޒީރުކަން ނުދެވޭނެ އެވެ.

އަންވަރުގެ ސަރުކާރަކީ ކުރީ ސަރުކާރުތަކަށް ވުރެ ލުއި -- ވަޒީރުން މަދު ސަރުކާރެއް ކަމަށް މެލޭޝިއާގެ ނޫސްތަކުން ބުނެ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ ސަރުކާރުގައި 31 ވަޒީރުންނާއި 38 ނައިބުން ތިބި ކަމަށް ވެއެވެ.

މުހުޔިއްދީން ސަރުކާރުގައި 32 މިނިސްޓަރުންނާއި 38 ވަޒީރުން ތިބި ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންވަރުގެ ބޮޑުވަޒީރު ކަމުގައި މެލޭޝިއާ ތަފާތު ގޮތަކަށް ހިންގެވުމަކީ އެކަށީގެންވާ ކަމަށެވެ. އަންވަރާ މެދު ބުނެވެނީ ވަތަނީ ބޭފުޅަކަށް ވުރެ ހުޅަނގާ ގާތް ބޭފުޅެއް ގޮތުގަ އެވެ.

އެހެން ނަަމަވެސް، އަންވަރުގެ ފަރާތުން އެފަދަ ވާހަކައެއް ދައްކަވައި މެލޭޝިއާ މިސްރާބު ކުރައްވާނެ ވަކި ގޮތެއް ވިދާޅުވެފައެއް ނުވެ އެވެ. އަންވަރުގެ ވާހަކަތައް މުޅިން ބައްޓަން ކުރައްވާފައި ވަނީ މެލޭޝިއާގެ އިގުތިސާދަށެވެ.