ދުނިޔެ

މެލޭޝިއާގެ ބަނދަރުތައް ޒަޔަނިސްޓު އުޅަނދުތަކަށް ބަންދު

ޒަޔަނިސްޓު ޔަހޫދީ ސަރުކާރަށް ނިސްބަތްވާ އެއްވެސް އުޅަނދެއް މެލޭޝިއާގެ ބަނދަރެއްގައި -- ބަނދަރުކޮށްގެން ނުވާނެ ކަމަށް ކަނޑައަޅުއްވާ ބޮޑުވަޒީރު އަންވަރު އިބްރާހީމް ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.

މިކަން މަނާކުރުމަށް ނެރުނު ބަޔާނެއްގައި އަންވަރު ވިދާޅުވީ މިއީ ޒަޔަނިސްޓް ސަރުކާރަށް ފިލާވަޅަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިފަދައިން ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަތީ ޔަހޫދީންގެ ގޮތްކުޑަކަމުންނާއި ބޯހަރުކަމުން ކަމަށް ވިދާޅުވި އެވެ.

މެލޭޝިއާގެ ބަނދަރުތަކަށް ޒަޔަނިސްޓް ސަރުކާރާ ގުޅުންހުރި އުޅަނދުތައް ވަނުން މަނާކުރުމުގެ އިތުރުން -- ޔަހޫދީންނާ ގުޅުން ހުރި ވިޔަފާރިތަކަށްވެސް މެލޭޝިއާގައި ވަނީ ދަތިކުރުންތައް ކުރިމަތިކޮށްފަ އެވެ.

ޔަހޫދީ ސަރުކާރާ ގުޅުންހުރި ހޮޓާ ރެސްޓޯރަންޓްތަކާއި މަޝްހޫރު އެހެނިހެން މަރުކާތައް މަނާކުރުމަށް އެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ޖަޒުބާތުގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބެންމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

މެލޭޝިއާގެ ބަނދަރުތައް މަނާވާ އުޅަނދުތަކުގެ ތެރޭގައި ޒަޔަނިސްޓުން ރަމްޒުކުރާ ދިދަހުރި ކޮންމެ އުޅަނދެއް އަދި ފަލަސްތީންގެ ބިންތައް ފޭރިގަނެގެން ތިބި ޔަހޫދީންނަށް މަންފާއެއް ވާނެ ކޮންމެ އުޅަނދެއް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޒަޔަނިސްޓުންގެ އުޅަނދުތަކަށް މެލޭޝިއާގެ ސަރުކާރުތަކުން ކުރިން ދޫކޮށްފައި އޮތް ކޮންމެ ހުއްދައެއް ބާތިލު ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީންގެ ޣައްޒާއަށް ކެނޑިނޭޅި ދެމުން ގެންދާ ހަމަލާތަކުގައި 20،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެކިވަރުގެ ޒަޚަމްތަކާ އެކު 52،586 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދޭން ޖެހިފަ އެވެ.

ފަލަސްތީންގެ ބިންތައް އިސްތިއުމާރުކުރުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުން ވަނީ ޒަޔަނިސްޓުންނަށް ހިތްވަރު ދީފަ އެވެ. އަދި ފަލަސްތީންގެ ބިންތަކުގައި ޒަޔަނިސްޓުން އާބާދީތައް އެޅުމަށް މި ގައުމުތަކުން ދަނީ ބޮޑެތި އަދަދުތަކުން ހޭދަކުރަމުންނެވެ.

ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އދ އަށް ދެ ފަހަރެއްގެ މަތިން ހުށަހެޅީ ގަރާރު ވެސް ވަނީ އެމެރިކާއިން ފޭލިކޮށްފަ އެވެ.

ޣައްޒާގެ ރައްޔިތުންގެ ބޮަލަށް ބޮންއެޅުމަށް -- ބޮމާއި އުނޑަ އެންމެ ގިނައިން ފޯރުކޮށްދެނީ އެމެރިކާއިންނެވެ. މިއީ ވިޔަފާރި އުސޫލުން އެމެރިކާއިން ކުރާ ވިޔަފާރި އެވެ.