ދުނިޔެ

އިޒްރޭލު މީހަކަށް ހަތިޔާރު ފޯރުކޮށްދިން ތިން މީހަކު މެލޭޝިއާގައި ހައްޔަރުކޮށްފިި

އިޒުރޭލު ޕާސްޕޯޓެއް ގެންގުޅޭ އުމުރުން 36 އަހަރުގެ މީހަކަށް ހަތިޔާރު ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މެލޭޝިއާގައި ހައްޔަރުކޮށްފި އެވެ.

އިދާރާތަކުން ބުނާ ގޮތުން އިޒުރޭލު މީހާ ހައްޔަރުކުރީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ހޮޓަލަކުންނެވެ. ހައްޔަރު ކުރިއިރު އޭނާގެ އަތުގައި ހަ ބަޑި އާއި 200 ވަޒަން އޮތް ކަމަށް އިދާރާތަކުން ބުނެ އެވެ.

އޭނާ ހިފަހައްޓައި މިހާރު ހުރީ ބަންދުކޮށްފަ އެވެ. މެލޭޝިއާއަށް އެތެރެވެ އޭނާ ހަތިޔާރު ހޯދީ ކޮން ބޭނުމަކުކަން އަދި ކަށަވަރު ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. މެލޭޝިއާގެ ފުލުހުން ބުނާ ގޮތުން އޭނާ އަކީ އިޒުރޭލުގެ ސިއްރު އެޖެންޓެއްތޯ މިހާރު ދަނީ ބަލަމުންނެނެވެ.

މެލޭޝިއާއަށް އޭނާ ދަތުރުކުރީ އެމިރޭޓްސްގެ ފްލައިޓެއް ގައެވެ. މެލޭޝިއާއަށް އެތެރެވާން -- މެލޭޝިއާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމިގްރޭޝަން އޮފިޝަލުންނަށް -- އޭނާ ދައްކާފައިވަނީ ފަރަންސޭސި ޕާސްޕޯޓެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. މި ޕާސްޕޯޓަކީ ފޭކް ޕާސްޕޯޓެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށްވެސް ވިދާޅުވެ އެވެ.

އިޒުރޭލު މީހާ އެއީ ކާކުކަން މެލޭޝިއާގެ އިދާރާތަކުން ހާމައެއް ނުކުރެ އެެވެ. އޮފިޝަލުން ވިދާޅުވި ގޮތުން އޭނާ ހަތިޔާރު ހޯދާފައި ވަނީ މެލޭޝިއާއަށް އެތެރެވުމަށް ފަހު އެވެ. ހަތިޔާރު ގަންނަން ބޭނުންކޮށްފައި ވަނީ ކްރިޕްޓޯކަރަންސީ އެވެ.

މެލޭޝިއާ އަކީ އިޒުރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމެއް ނޫނެވެ. މިހެންކަމުން އިޒުލޭލު މީހުންނާ ގުޅުން އޮންނަ މުއާމަލާތްތައް ހަމަޖައްސަން ޖެހެނީ ސިންގަޕޫރުގައި ހުންނަ އިޒުރޭލު އެމްބަސީ މެދުވެރިކޮށެވެ.

މެލޭޝިއާއަށް އޭނާ އެތެރެވި ސަބަބު ކަމަށް އޭނާ ބުނާ ކަމަށް އޮފިޝަލުން ވިދާޅުވީ އޭނާގެ ބޭނުމަކީ މެލޭޝިއާގައި އުޅޭ އިޒުރޭލު އެހެން މީހަކު ހޯދުން ކަމަށެވެ. ފުލުހުން ބުނާ ގޮތުން އޭނާގެ މި ބުނުމަކީ ތެދެއް ކަމަށް އަދި ނުނިންމަ އެވެ. ސަބަބަކީ މެލޭޝިއާގައި އޭނާ އުޅުނު ދުވަސްތަކުގެ ހަރަކާތްތަކަށް ބަލާއިރު ޝައްކު ކުރެވޭ ކަންތައްތަކެއް އޭނާގެ ރެކޯޑްތަކުން ފެންނަން ހުރުމެވެ.

އިޒުރޭލު މީހާއަށް ހަތިޔާރު ސަޕްލައިކޮށްދިން ތިން މީހުންނަކީ މެލޭޝިއާ މީހުން ކަމަށް ފުލުހުން ބުނެ އެވެ. މީގެތެރޭގައި ދެމަފިރިން ހިމެނެ އެވެ.

އިޒުރޭލު މީހާ ގޮވައިގެން މެލޭޝިއާގައި އެ ދެމަފިރިން ދަތުރުކުރި ކާރުން އިތުރު ފިސްތޯލައެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މެލޭޝިއާ އަކީ ފަލަސްތީންގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ދިރިއުޅޭ ފަލަސްތީން މީހުންގެ އަދަދު 600 ވަރު ވާނެ އެވެ.

މެލޭޝިއާގައި 2018 ގައި ފަލަސްތީންގެ ސައިންސްވެރިއަކު ވެސް ވަނީ މަރާލާފަ އެވެ. މެލޭޝިއާގެ އިދާރާތަކުން މިކަމާ ގުޅޭ މައުލޫމާތު ނޫސްތަކަކަށް ނުދެ އެވެ. ނަމަވެސް ސައިންސްވެރިޔާ މަރާލީ އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސާދުގެ ދެ އެޖެންޓުން ކަމަށް އޮތީ އަޑު ފެތުރިފަ އެވެ.