އެޗްޕީއޭ

ވައި ނުސާފު ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައި ނުސާފުވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭ ސަރަހައްދުތަކުގައި ވައި ނުސާފުވެފައިވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުންދާތީ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ދާތީ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ބުނެފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުންނައިރު ފޭސް މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެ އެވެ.

ވައިގެ ކޮލިޓީ

  • ރަނގަޅު މިންވަރެއް 0-50
  • މެދު މިނުގެ މިންވަރެއް 51-100
  • ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއް 101-150
  • ސިއްހަތަށް ނުރަނގަޅު 151-200
  • ވަރަށް ސިއްހަތަށް ނުރަނގަޅު 201-300
  • ނުރައްކާތެރި 300+

އެޗްޕީއޭ އިން ބުނި ގޮތުގައި ވައިގެ ކޮލިޓީ ރަނގަޅު މިންވަރެއްގައި ނުރައްކާ ކުޑަ ނުވަތަ ނުރައްކަލެއް ނެތެވެ.

ވައިގެ ނުސާފު މިން މެދު މިނެއްގައި ހުންނައިރު ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި އުޅުން ދުރުހެލިވާންޖެހެ އެެވެ. ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި އާންމުކޮށް އެންމެންނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ އެވެ.

ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި އާންމުކޮށް އެންމެންނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށާއި ވައިގެ ނުސާފު 201-300 ގައި ހުންނައިރު އާންމުކޮށް އެންމެންނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ ހާލަތުގައި ނާޒުކު ފަރާތްތަކުން ބޭރުގައި އުޅުން ހުއްޓާލަން ޖެހޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ނުރައްކާތެރި ހާލަތް ނުވަތަ ވައިގެ ނުސާފުކަން 300 އިން މަތީގައި ހުންނައިރު އާންމުކޮށް އެންމެންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. އެ ހާލަތުގައި ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާންޖެހެ އެވެ.

ވައި ނުސާފު ވަގުތުގައި ސަމާލުކަން ދޭންވީ ކަންކަން

  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ތުއްތުކުދިން ބޭރަައް ނުނެރުން.
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން.

އައިކިޔު އެއާ ވިޝުއަލް އެޕް އިން ދައްކާ ގޮތުގައި މިވަގުތު ވައި އެންމެ ނުސާފުވެފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގަ އެވެ. އެސިޓީގެ އެއާ ކޮލިޓީ (އޭކިއުއައި) ވަނީ 86 ގައެވެ. މިއީ އެޗްޕީއޭއިން ބުނާ ގޮތުގައި ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި އުޅުމުނުން ދުރުހެލިވާންވީ ވަގުތެވެ.