އެއް ދުވަހު ހެނދުނު ނިދާފައި ހޭލާއިރު ތިމާއަށް މި އުޅެވެނީ މުސްތަގްބަލުގެ ދުވަސްތަކެއްގައި ކަމަށް ހީވެއްޖެނަމަ ކުރެވޭނީ ކޮން ކަހަލަ އިހްސާސެއް ހެއްޔެވެ؟ އެލިސަން ވިންޓަބާން ނަމަކަށް ކިޔާ މި އަންހެންމީހާއަށް މިހާރު ކުރެވެމުންދަނީ މިފަދަ އިހްސާސެކެވެ.
އެލިސަން އެއް ދުވަހު ހެނދުނު ހޭލައިގެން ތެދުވެގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓުމާއެކު އަމިއްލަ ސިފަ ހުރި ގޮތް ފެނިފައި ބޮޑު ޝޮކެއް ލިބުނެވެ. އޭނާ ހަނދާންވާ ގޮތުގައި އޭނާއަކީ ވަރަށް ޒުވާން އަންހެނެކެވެ. ނަމަވެސް ލޯގަނޑުން އޭނާއަށް ފެންނަން ހުރީ ރޫޖެހި ދުވަސްވެފައިވާ މޫނެކެވެ.
އެލިސަން އަށް ދިމާވެގެން އުޅޭ މައްސަލައަކީ އޭނާގެ ސިކުނޑިއަށް ވައިރަހެއް އަރައިގެން އޭނާގެ ފަހުގެ ހަނދާންތައް މުޅިން ފޮހެވިފައި ވުމެވެ. މިހާރު އޭނާގެ ހަނދާނުގައި ހުރީ 1970ގެ އަހަރުތަކެވެ. އަދި އޭނާ މިހާރުވެސް ދިރިއުޅެމުން ދަނީ އެ ދުވަސްވަރުކަމާ މެދު އެލިސަން ޝައްކެއް ނުކުރެ އެވެ. އޭނާއަށް ޝައްކުވަނީ އޭނާގެ ވަށައިގެންވާ މާހައުލުގައި ހުރި ކަންތައްތަކަށެވެ.
އެގޮތުން އެއްޗެތީގެ އަގު ކުއްލިއަކަށް އިންތިހާއަށް ބޮޑުވީމަ ކުރެވޭ އިހްސާސް މިހާރު އެލިސަން އަށް ކުރެވެ އެވެ. ފިހާރައަކަށް އެއްޗެއް ގަންނަން ވަދެފައި އޭނާ ދެ ލޯ ބޮޑުވެފައި އޭގެ އަގަށް ބަލަހައްޓައިގެން ހުރެ އެވެ. އޭނާ އެންމެ ފަހުން އެ އެއްޗެއް ގަތް އަގަށްވުރެ އެތައް ގުނައެއް އޭގެ އަގުބޮޑުވެފައިވާތީ އެވެ.
ނޫހަކަށް ބަލާލިޔަސް އޭނާއަށް ވާނުވާ އޮޅެ އެވެ. ސަބަބަކީ ނޫހުގައި ޖަހާފައިވާ ތާރީހު އޭނާއަށް އެއްގޮތަކަށް ވެސް ނުވިސްނޭތީ އެވެ.
އެލިސަން އަށް ހަގީގަތުގައި މި މައްސަލަ ދިމާވީ މީގެ 10 އަހަރު ކުރިން 2012 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 51 އަހަރެވެ. އެހެންކަމުން 70ގެ އަހަރުތަކުގައި އެލިސަންގެ އުމުރު އުޅޭނީ 20ގެ އަހަރުތަކުގަ އެވެ. އޭރު އެލިސަން އުޅެނީ ކައިވެނިކޮށްގެން ކަމަށްވާތީ ނަސީބަކުން ފިރިމީހާ މަތިން ހަނދާން ހުއްޓެވެ.
"އެއްދުވަހަކު ހެނދުނު ހޭލާފައި އަހަރެންނަށް އައިސްފައިވާ ބަދަލުން އަހަންނަށް ލިބުނީ ޝޮކެއް. ފިރިމީހާ ވެސް މާ ދުވަސްވެފައި ހުރިތަން ފެނިފައި އަހަރެންގެ ސިކުނޑިއަށް އޮޅުންބޮޅުން އެރި. ނޫހަށް ބަލާލުމުން ވެސް އިތުރަށް އޮޅުން އަރާގޮތް ވަނީ. އެހެންވެ ގެއަށް ނޫސް ގަތުން ވެސް ފިރިމީހާ އަށް މަނާކުރިން،" އެލިސަން ބުންޏެވެ.
އެލިސަން ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓްތަކުން އޭނާއަށް އެންސެފެލައިޓިސް ކިޔާ ބައްޔެއް ޖެހިފައިވާކަން އެނގުނެވެ. މިއީ ސިކުނޑިއަށް ވައިރަސްއެއް އަރައި އިންފްލެމޭޝަންއެއް އުފެދުމުން ޖެހޭ ބައްޔެކެވެ. ގަވާއިދުން ބޭސް ކަމުން ދިޔަ ނަމަވެސް ސައިކޮލޮޖީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އެލިސަންގެ ފްރަންޓަލް ލޯބް އަށް މި ވައިރަސްގެ އަސަރު ފޯރި އެވެ. އަދި އެތަނުގައި ލީ ލަކުނުތަކުގެ ސަބަބުން އެލިސަންގެ ހަނދާންތައް ގެއްލެން މެދުވެރިވީ އެވެ.
އިނގިރޭސި ނޫހަކަށް ދިން އިންޓަވިއު އެއްގައި އެލިސަން ބުނީ އޭނާއަށް އަދިވެސް ހީވަނީ މި އުޅެވެނީ 70ގެ އަހަރުތަކުގައި ކަމަށެވެ. ނަމަވެސް އާއިލާގެ މީހުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ބައެއް ކަންކަން ހަނދާނަށް އަންނަން ފަށައިފި ކަމަށް އޭނާ ބުންޏެވެ.
"ފަހުގެ ހަނދާންތައް މަޑުމަޑުން މިހާރު އަންނަން ފަށައިފި. އަދި ކައިވެނި ކުރި ފަހުން ހޭދަވި ދުވަސްތަކާއި ދަރިން ލިބުނު ދުވަސްތަކުގެ ހަނދާންތައް ވެސް އަތުވެއްޖެ. އޭގެ ކުރިން ދަރިއަކު ލިބުނު ކަމެއް ވެސް ހަނދާނެއް ނެތް. މިހާރު ދެން މަޑުމަޑުން ސިކުނޑި އެބަ ހަމައަކަށް އެޅޭ. ނަމަވެސް އަދިވެސް މޫނުބަލާ ލޯގަނޑުން ސިފަ ފެނުނީމަ ކުޑަކޮށް ޖެހިލުންވޭ. އަދިވެސް ސިކުނޑީގައި ބިންވަޅުނެގިފައިވަނީ ޒުވާން އިރުގެ ސޫރަ ކަމަށް ވާތީ،" އެލިސަން ބުންޏެވެ.
އެލިސަން ބުނި ގޮތުގައި މިހާރުވެސް އޭނާއަށް ވަރަށް ބޮޑު މައްސަލައެއް ދިމާވެއެވެ. އެއީ ހުރެވޭ ތަނެއް ނޭނގުމެވެ.
"ހީވަނީ އަހަންނަކީ ކުރިން ހުރި މީހާއެއް ނޫނޭ. އެހެން މީހެކޭ،" އެލިސަން ބުންޏެވެ.