ޖޭއެސްސީ

ދެ ރަށަކަށް ގާޒީން އައްޔަންކޮށްފި

ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ދެ ގާޒީން އައްޔަންކޮށް ލިޔުން ހަވާލުކޮށްފި އެވެ.

ގާޒީން އައްޔަންކުރީ ވެރިކަން ކުރާ ދެ ރަށް ކަމަށްވާ ދ. ކުޑަހުވަދު އާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެގާޒީންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓަރަކަށް އައްޔަންކުރެެއްވީ ޔާސިރު މުހައްމަދެވެ. ޔާސިރު މުހައްމަދަކީ މ. ވޭވަށަށް އުފަން ބޭފުޅެކެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފަ އެވެ. އަދި ތިން އަހަރު ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވާފައިވެ އެވެ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.

ށ. ފުނަދޫ ކޯޓަށް އައްޔަން ކުރެއްވި ގާޒީއަކީ، ރ. މަޑުއްވަރީ ރުވާގުގެ، އިބްރާހިމް ނައީމު އެވެ. އޭނާ ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރެއްވީ އިސްލާމިކް ޔުނިވާސިޓީންނެވެ. އޭގެ ފަހުން ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރިއާ އެންޑް ލޯ ވެސް ހާސިލް ކުރައްވާފައިވެ އެވެ. އިބްރާހިމް ނައީމް ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވާފަ އެވެ. ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.