ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ލަސްތަކެއް ނުކުރައްވައި ފޯނުކުރައްވާނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. އެއަށް ވުރެ ކުރިން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ގުޅުއްވައި މަސްރަހު އޮތް ގޮތް ސާފުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރަކީ ޕޫޓިންއާ މަޝްވަރާ ކުރެއްވުމުގެ ކުރިން -- އެކަމުގައި އޮތް ހެޔޮނުބައި ބެއްލެވުމަށް -- ޖޯ ބައިޑަންގެ ލަފާފުޅެއް ހޯއްދެވުމަށް ކުރެއްވި ދަތުރެއް ކަމަށް ވެސް ފަރަންސޭސި ރައީސް ވިދާޅުވި އެވެ.
ޒެލެންސްކީ އަދި ޕޫޓިންއަށް ގުޅުއްވުމުގެ ކުރިން މެކްރޮން ވިދާާޅުވި ގޮތުގައި ރަފައެލް ގްރޯސީއާ މަޝްވަރާ ކުރެއްވުން ވަރަށް މުހިންމެވެ. ރަފައެލް ގްރޯސީ އަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑައިރެކްޓަރު ޖެނެރަލް އެވެ.
މެކްރޮން ވިދާޅުވީ ކުރިއަށް 24 ގަޑިއިރު ތެރޭގައި އައިއޭއީއޭގެ ޑައިރެކްޓަރު ޖެނެރަލްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަނެ އެންމެ ފުރަތަމަ ވެސް އަމާޒުހިފީ އެ ގައުމުގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓްތަކަށެވެ. އޭގެ ތެރެއިން ވެސް ޒަޕޮރީއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ރަޝިއާގެ ޝައުގުރެވިކަން ބޮޑެވެ.
މިކަމާ ގުޅިގެން މެކްރޮން ވިދާޅުވީ ޔުކްރޭންގެ ނިއުކްލިއާ ޕަވާ ޕްލާންޓްތަކުގެ ހާލަތު ސާފުކުރެއްވުމަށް ފަހުގައި ނޫނީ ޕޫޓިންއަށް ނުގުޅުއްވާނެ ކަމަށެވެ.
އިމެނުއަލް މެކްރޮން ރައީސް ޕޫޓިންއަށް ފޯނުކުރައްވާ ވާހަކަ ޚަބަރަށް އެރުމާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް -- ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން -- ދިމިތުރީ ޕެސްކޯވް ދެއްވި ޖަވާބުގައި ވިދާޅުވީ އެކަމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނެތް ކަމަށެވެ.
"ޕޫޓިން އާއި މެކްރޮން މަޝްވަރާ ކުރައްވަން އުޅުއްވާ ކަމަށް އެބަ ބުނެވޭ،" ޕެސްކޯފް ވިދާޅުވި އެެވެ. "އެކަމަށް އަދި ވަކި ތާރީޚެއް ނެތް."
ފަރަންސޭސި ރައީސް މެކްރޮން އެމެރިކާއަށް -- ނޮވެމްބަރު 29 އިން ޑިސެމްބަރު ދޭކަށް ކުރެއްވި ރަސްމީ ދަތުރުގައި އެމެރިކާގެ ރައީސް ޖޯ ބައިޑާންއާ ބައްދަލުކުރެއްވި އެވެ. ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށް އޮތީ ޔޫރަޕްގެ އިގުތިސާދެވެ. ޔުކްރޭނާ ބެހޭ ގޮތުން ވެސް ވާހަކަދެއްކެވި އެވެ.
އެެމެރިކާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެކްރޮން ވިދާޅުވީ ޔުކްރޭނާއި ރަޝިއާ ސުލްހަކުރަން ވޮޝިންގްޓަނާއި ޕެރިހުން އިސްނަގަން ޖެހިފައި އޮތް ކަމަށެވެ.
ރަޝިއާއާ ސުލްހަވުމާ ބެހޭ ގޮތުން ޒެލެންސްކީ ކުރިން ވިދާޅުވީ ރަޝިއާގެ ރައީސް ކަމުގައި ޕޫޓިން ހުންނެވިހާ ހިނދަކު މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާގެ ވެރިކަން ހަމަ ބަދަލުވާއިރަށް މަޝްވަރާގެ ދޮރު ހުޅުވާލައްވާނެ ކަމަށެވެ.
އެހެން ނަމަވެސް، އެމެރިކާއިން މަޝްވަރާއަށް ބާރުއެޅުމުގެ ސަބަބުން ޒެލެންސްކީ ފަހުން ވަނީ ކުޑަ ދުލެއް ދެއްވާފަ އެވެ. އަދި ރަޝިއާއާ ޝަރުތެއްގެ މަތިން މަޝްވަރާ ކުރެއްވިދާނެ ކަމަށް ވިދާޅުވި އެވެ.
ރަޝިއާ ބުނާ ގޮތުން މަޝްވަރާއަށް ފުރުސަތު އަބަދުވެސް އޮންނާނެ އެވެ. އެކަމަކު ހަނގުރާމަ ހުއްޓަން އެދޭ ނަމަ ރަޝިއާ ކަނޑައަޅާފައި އޮތް ޝަރުތުތައް ޔުކްރޭނުން ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ.