ވިނަރެސް ފްލެޓް

ވިނަރެސްއަށް ހޮވުނު މީހުންނަށް ބާއްވާ އޯޕަންޑޭ މާދަމާ ފަށަނީ

ވިނަރެސް ފްލެޓަށް ފޯމްހު ށަހެޅި މީހުންގެ ތެރެއިން ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ މީހުންނަށް ބޭނުންވާ މައުލޫމާތު ދިނުމަށް ބާއްވާ އޯޕަން ޑޭ މާދަމާ ފެށުމަށް ނިންމައިފި އެވެ.

އެޗްޑީސީން އިންތިޒާމު ކުރާ އޯޕަންޑޭ ކުރިއަށް ގެންދާނީ މާދަމާ އިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގަ އެވެ. އެޕޮއިންޓްމަންޓް ހަމަޖައްސާފައިވަނީ ކޮންމެ މީހަކަށް ވެސް ވަކިން ވަކި ގަޑި އަކަށެވެ.

ވިނަރެސް ފްލެޓްތަކާ ގުޅިގެން ހިންގާ މިފަދަ ހުރިހާ މުޢާމަލާތްތަކެއް ވެސް ކުރިއަށް ގެންދާނީ އެޗްޑީސީގެ މައި ހުޅުމާލެ ޕޯޓަލް ތެރެއިން ކަމަށް އެޗްޑީސީން ބުނެ އެވެ.

ވިނަރެސް ފްލެޓްގެ މައުލޫމާތު ހިއްސާކުރުމަށް އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށާއި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.

އެކަމަކު މައި ހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެ ކަމުގައިވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ވިނަރެސްއާ ގުޅޭ މައުލޫމާތެއްގައިނަމަ ގުޅާނީ 3353535 ނަންބަރުން އެކަނި ކަމަށެވެ.

މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމް ކޯލްތަކުގެ ގޮތުގައި މީހުންނަށް ގުޅައިގެން ކަންތައްތަކެއް ބަޔަކު ކުރާ ދުވަސް ވަރަކަށްވާތީ އެފަދަ ކޯލްތަކަށް ސަމާލުވުމަށްވެސް އެޗްޑީސީން އިލްތިމާސް ކޮށްފައިވެ އެެވެ.