ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓްތައް ވިކިއްޖެ، އެކަމަކު މުޅިންވެސް ޝަކުވާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ހުޅުވާލުމާއެކު ފްލެޓްތައް ވިކި ހުސްވެއްޖެ އެވެ.

ވިނަރެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭއިރު މީގެތެރެއިން 288 ފްލެޓެއް ލިބުނު މީހުންނާ އެކު އާބަންކޯ އިން ކުރިން އޮތީ އެއްބަސްވުން ހަދާފަ އެވެ. އަދި އިތުރު ބަޔަކާ އެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި އެއްބަސްވުން ހެދި ބައެއް މީހުން މިހާރު ވަނީ ފްލެޓްތަކުގައި ދިރިއުޅެންވެސް ފަށާފަ އެވެ.

އާބަންކޯ އިން މިއަދު ހެނދުނު 10:00 ޖެހިއިރު ވިއްކާލަން ހުޅުވާލީ ކުރިން ނުވިކި ހުރި 123 ޔުނިޓެވެ.

އާބަންކޯ އިން ކުރިން ނިންމާފައި އޮތީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން މިކަމަށް ހާއްސަކުރި ޕޯޓަލް ބަންދުކުރާށެވެ. ނަމަވެސް އާބަންކޯ އިން ފްލެޓް ގަންނަން މިއަދު ހުޅުވާލުމާ އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފްލެޓްތައް ވިކި ހުސްވެފައިވާ ކަމަށްވެ އެވެ.

މިކަން ހިނގާދިޔަ ގޮތުން ވިނަރެސް ފްލެޓް ގަންނަން ބޭނުންވި ބައެއް މީހުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

"އަޅުގަނޑު ބަރާބަރު 10:00 ޖެހއިރު ވަންނަން މަސައްކަތް ކުރިން. ފޯމު ފުރަންވެސް ފުރުނު. އެކަމަކު ފޯމު ހުށަހެޅޭ ގޮތް ނުވެ ޕޯޓަލް ފާޑަކަށް ހުއްޓެނީ،" ފޯމު ނުލެވުނު މީހަކު ބުންޏެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާ އަވަހަށް 100 އަށް ވުރެ ގިނަ ފްލެޓް މިގޮތަށް ވިކި ހުސްވާނެ ކަމަކަށް. މިކަން މިއަށް ވުރެ ޒިންމާދާރުކޮށް ބަލަން އެބަޖެހޭ،" ޕޯޓަލް އަށް ނުވަދެވިގެން ފޯމު ހުށަހެޅޭ ގޮތް ނުވި އިތުރު މީހަކު ބުންޏެވެ.

މިއަދު ވިއްކަން ހުޅުވާލި ވިނަރެސް ފްލެޓް ތަކަކީ މިދިޔަ އަހަހަރުގެ ސެޕްޓެމްބަރު 15 ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކެވެ. މީގެއިތުރުން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލްކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ފްލެޓްތައްވެސް މީގެތެރޭގައި ހިމެނެ އެވެ.

ވިނަރެސް ފްލެޓްތައް ވިކިގެން ދިޔަ ގޮތުން ބައެއް އާންމުންގެ ޝަކުވާ ހުރި ނަމަވެސް އާބަންކޯގެ ބަހެއް އަދި މިކަމުގައި ނުލިބެ އެވެ.