ރައީސް އޮފީސް

35 އަހަރުގެ ހިދުމަތުގެ އިނާމު ދޭ ޖަލްސާ ފަސްކޮށްފި

Dec 7, 2022

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދިނުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މިޖަލްސާ ބާއްވަން ކުރިން ނިންމާފައި އޮތީ މިމަހުގެ ތެރޭގަ އެވެ. ޖަލްސާ ފަސްކުރި ސީދާ ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމުގެ ޖަލްސާ މިހާރު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހު ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރުމުގެ އިނާމަށް އެދި މިއަހަރު 110 ބޭފުޅަކު ނަން ހުށަހެޅުއްވި އެވެ. މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. އިނާމު ދޭއިރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތައް ބަލަ އެވެ.

މިއިނާމު މިދިޔަ އަހަރު ދޭން ފެށީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުވެރި އިނާމެއްގެ ގޮތުގަ އެވެ.