ހަބަރު

ނަޝީދު ޔޫކޭއަށް ފޮނުވުމުން އިންޑިއާއިން މަރުހަބާ ކިޔައިފި

ބޭސް ފަރުވާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފޮނުއްވުމުން އިންޑިއާ ސަރުކާރުން އެ ނިންމުމަށް މަރުހަބާ ކިޔައިފި އެވެ.

ސަރުކާރުން ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމުން ގައުމުތަކުން މަރުހަބާ ކިޔަމުން އަންނައިރު އަވަށްޓެރި އިންޑިއާއިން ވެސް ވަނީ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރޫޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭސްފަރުވާއަށް ކުރީގެ ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ދިއުމުގެ ހުއްދަ ދީފައިވުމުން ދިވެހި ސަރުކާރަށް މަރުހަބާ ކިޔާ ކަމަށެވެ.

ބޭސް ފަރުވާއަށް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވަން ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީ ވެސް ވަނީ އެ ނިންމުމަށް މަރުހަބައި ކިޔާފަ އެވެ. އަދި މީގެ އިތުރުން ކޮމަން ވެލްތު ފަދަ ޖަމިއްޔާތުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

ޖޯން ކެރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށްލުމަކީ ސަރުކާރުން ރަނގަޅު މިސްރާބަކާ ދިމާލަށް އެޅިފިޔަވަޅެއް ކަމަށެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަކާ ވެސް ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީއަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މިހާރަށް ވުރެ ގިނަ މަސައްކަތްތަކެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ކުރުމަށް ދީފައި ވަނީ 30 ދުވަހެވެ. އަދި އެ ދުވަހަށް ބޭސްފަރުވާ ނުނިމިއްޖެ ނަމަ 45 ދުވަހަށް މުއްދަތު އިތުރުކޮށްދޭން ނިންމާފައިވެ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ އައިސް ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.