ކ. ގުރައިދޫ

ގުރައިދޫ ފަޅުގައި އޮތް ޕިކްނިކް އައިލެންޑް މާޗުގައި ހުޅުވަނީ

ކ. ގުރައިދޫ ފަޅު ހިއްކައިގެން ހަދާފައި އޮތް ޕިކްނިކް އައިލެންޑް އަންނަ އަހަރުގެ މާޗް މަހު ހުޅުވަން ނިންމައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ ޕިކްނިކް އައިލެންޑު މިހާރު އޮތީ ޑިޒައިން ސްޓޭޖްގައި ކަމަށެވެ. އަދި އެ ރަށަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ވިދާޅުވި އެވެ.

މިގޮތުން ޕިކްނިކް އައިލެންޑްގައި ހަޓުތައް އަޅައި، ކަރަންޓާއި، ފެން ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމުގައި ޔާމީން ވިދާޅުވި އެވެ.

"ދަތުރު ގޮސް އުޅޭ މީހުންނަށް ބޭނުންވާނެ ހުރިހާ އާންމު ވަސީލަތެއް ޕިކްނިކް އައިލެންޑުގައި އަޅުގަނޑުމެން ގާއިމު ކުރާނަން،" ޔާމިން ވިދާޅުވި އެވެ.

ގުރައިދޫ ފަޅުގައި އޮތް ޕިކްނިކް އައިލެންޑް ތަރައްގީކުރަން ނިންމާފައިވަނީ ރަށު ކައުންސިލުގެ ބަޖެޓުންނެވެ.

އެމްޓީސީސީ އިން ޕިކްނިކް އައިލެންޑުގެ ބިން ހިއްކައި ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ހިއްކި ސަރަހައްދުގައި ބޮޑުހިލައިގެ ރިވެޓްމަންޓާއި ގްރޮއިން ޖެހުމަށް ދައުލަތުގެ ބަޖެޓުން 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހިއްކާފައިވަނީ 1.7 ހެކްޓަރު ސަރަހައްދެކެވެ.