ތ. ގުރައިދޫ

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ތ. ގުރައިދޫގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠައާމު މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައުދީ އެވެ.

މިމަޝްރޫއުގެ ދަށުން ތ. ގުރައިދޫ އިން އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ތ. ގުރައިދޫގައި އަދި އެ ރަށާ މާދުރު ނޫން ހިސާބެއްގައި އޮތް ތ. ވިލުފުށީގައިވެސް އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ތ. އަތޮޅުގެ ދެ ރަށެއްގައި އެއާޕޯޓް އަޅަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު އެ އަތޮޅު ތިމަރަފުށީގައި މިހާރުވެސް އެއާޕޯޓެއް އެބައޮތެވެ.

ތ. ގުރައިދޫ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒަށް އެންމެ ގިނަ ވޯޓު ހޯދައިދިން ރަށެވެ.