އެސްޓީއޯ

އެސްޓީއޯގެ ފުރަތަމަ އެވޯޑުނައިޓްގައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ފުރަތަމަ "ސްޓާފް އެވޯޑް ނައިޓް" ބާއްވައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި މިކަމަށް ހާއްސަކޮށް ބޭއްވި ހަފްލާގައި އެސްޓީއޯއިން މުވައްޒަފުންނަށް 11 އެވޯޑެއް ދީފައިވެ އެވެ.

މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހިދުމަތްކުރި މުވައްޒަފުން ވަނީ މި އެވޯޑުތަކަށް ނޮމިނޭޓްކޮށްފަ އެވެ. އަދި އެވޯޑަށް ނަން ހުށަހެޅި ތާރިހުގައި އެ މުވައްޒަފަކީ ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންޖެހޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

"އެސްޓީއޯ ސްޓާފް އެވޯޑްސްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުން. މީގެ އިތުރުން އެސްޓީއޯ ސްޓާފް އެވޯޑްސް އަކީ ކުންފުނީގެ ކުރިއެރުމަށް ބާރުފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުމަށް ކުރިއަށް ގެންދާ ހަފްލާއެއް،" އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯއިން މުވައްޒަފުންނަށް ދީފައިވާ އެވޯޑުތައް:

  • ބްރިލިއަންސް އެވޯޑް
  • އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް
  • އައުޓްސްޓޭންޑިންގް އިނޮވޭޓާ އެވޯޑް
  • ގޮޓް ދެޓް އެކްސްޓްރާ މައިލް
  • ޓީމް ޕްލޭޔާ އެވޯޑް
  • ސާވިސް އެކްސަލަންސް އެވޯޑް
  • ސޭލްސް ފްރަންޓް ރަނާ އެވޯޑް
  • ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް
  • ހައިޕާ ހެލްޕާ އެވޯޑް
  • ސްޕޯޓްސް ސްޓާ އެވޯޑް
  • އެމްޕްލޯއީ ޗޮއިސް އެވޯޑް

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި އެވޯޑުތަކަށް މުވައްޒަފުން ނޮމިނޭޓްކުރުން ކުރިއަށް ގެންދިޔައީ ހާއްސަ ޕޯޓަލްއަކުންނެވެ. އަދި ނޮމިނޭޝަނަށް ހުޅުވާލެވުނު މުއްދަތުގައި 598 ނޮމިނޭޝަން ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އެވޯޑުތަކަށް ނޮމިނޭޓްވި މުވައްޒަފުންގެ ނަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދިޔައީ އެކަމަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.