ނާދީ ކުރިން ހިންގި އިމާރާތް ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ ވައްކަން ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ.
މުހައްމަދު ސައީދު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާލޭގައި ހުންނަ ޕީޕީއެމްގެ މައި އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސައީދުގެ ވާހަކަފުޅުގައި ވަނީ މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރާއްޖޭގެ ކޮންސްޓްރަކްޝަން އެސޯސިއޭޝަންގެ (މަސީ)ގެ ބޯޑު މެންބަރުންނާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ނާދީ ހިންގި ތަނަށް ވަޑައިގެން އެންމެ ކަމެއް ބައްލަވާ ލެއްވުމަށް ދައުވަތު ވެސް ދެއްވާފަ އެވެ.
"ހަމަ ސީދާ ވައްކަން އެބިމުގައި މިހާރު އެ ކުރަނީ. ކުޑަވައި އިނގިލި ވަރުވާ ހިމަ ދަގަނޑު އެ ޖަހާލަނީ [އިމާރާތުގެ] ތަނބުތަކަށް،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބިލްޑިން ކޯޑެއް ހަދާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ޓާޓާ ކުންފުނިން ރާއްޖޭގެ ބިލްޑިން ކޯޑަށް އަމަލުނުކުރާނެ ކަމަށް ބުނަމުންދާ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުނިން ރާއްޖޭގައި ފްލެޓްތަކެއް އެޅުމަށް ސޮއި ކުރި އެއްބަސްވުމުގައި އޮތީ ވެސް އެގޮތަށް ކަމުގައި ވިދާޅުވި އެވެ.
"މިކަންކަން ފަޅާއެރީ ރައީސް ނަޝީދުގެ ވެރިކަން ނިމި ރައީސް ޔާމީން ވެރިކަމާ ހަވާލުވުމުން ޓާޓާއިން ސަރުކާރަށް ކުރި ޖެއްސުމުގެ ތެރެއިން،" ރައީސް ޔާމީންގެ ސަރުކާެރުގައި އިކޮނޮމިކް މިނިސްޓަރި ކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ޓާޓާ ކުންފުނިން ރާއްޖޭގެ ބިލްޑިން ކޯޑަށް އަމަލު ނުކުރި ނަމަވެސް ހުރިހާ ދިވެހިން އަމަލުކުރަން ލާޒިމުކޮށްފައިވާ ކަމަށެވެ.
ނަދީ ބިމުގައި އަޅަމުންދާ ބިޔަ ބޮޑު އިމާރާތުގައި އާދަޔާ ހިލާފަށް ހިމަ ދަގަނޑުތަކެއް ޓާޓާ ކުންފުނިން ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެ ސައީދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ،
"އެކަމަކު މިދައްކަނީ 10 ބުރި 15 ބުރިއަށް ނަގާ ބޮޑު އިމާރާތެއްގެ ވާހަކަޓާޓާ ކުންފުނިން. އެތަންނަށް ބަލާލީމާވެސް އިނގޭނެ ކުރަމުންދާ ވައްކަން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓާޓާ ކުންފުނީގެ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުގައި ބާތިލުކުރި ދުވަސްވަރު އިންޑިއާގެ ނޫހަކުން ވެސް ޓާޓާ ކުންފުންޏާއި ނަޝީދުގެ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމަކީ ބޮޑު ވައްކަމެއް ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ.
އެނޫހާ ހަވާލާދީ ސައީދު ވިދާޅުވީ އެ އެއްބަސްވުމުގައި ތިން ބަޔަކަށް ބެހިގެން ވައްކަން ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސަރުކާރުން ޓާޓާ ކުންފުންޏަށް އެއްފަހަރާ ފައިސާ ދޭގޮތަށް އެއްބަސް ވެފައިވާ ކަމަށާއި އެހެންކަމުން އެއީ ބަޔަކަށް ލިބެން ނުޖެހޭ ފައިދާއެއް ލިބޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ ނާދީ ބިމާއި އޯޑިއޯން ބިމުގައި އަޅާ އިމާރާތްތަކުގެ ތެރެއިން ކޮންމެ އިމާރާތަކުން ވެސް ދެ ފްލޯ ޓާޓާއަށް ދޭން އެއްބަސްވުމުގައި ޝަރުތުކޮށްފައި އޮތުމުގެ މައްސަލަ އެވެ. އެ ދެ ފްލޯ ދެނީ 90 ވަރަކަށް އަހަރަށް ކަމުގައިވެސް ވިދާޅުވި އެވެ.
ތިންވަނަ ވައްކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ އެ ބިންތަކުގައި އިމާރާތްތަކެއް އަޅައިދޭތީ ރާއްޖޭގައި ރިސޯޓު ހެދުމަށް ޓާޓާ ކުންފުންޏަށް ދެ ރަށް ދޭން އެއްބަސްވެފައި އޮތުމެވެ.
ސައީދު އިތުރަށް ވިދާޅުވީ ޓާޓާ ކުންފުނިން ރާއްޖޭގައި ބިޔަ ބޮޑު އިމާރާތްތަކެއް ބިލްޑިން ކޯޑާ ހިލާފަށް އަޅަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ އެފަދަ މައްސަލަ ކެރިގެން ބަލާލާނެ އިިދާރާއެއް މިއަދު ނެތުން ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި މިޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީގެ އިސް މެންބަރުގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.