ދުނިޔެ

ރަޝިޔާގެ ހަމަލާތަކުގައި ސީރިޔާ އިން ހާހަކަށްވުރެ ގިނަ އާއްމުން މަރުވެއްޖެ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިޔާއިން ސީރިޔާގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށްބުނެ ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް ހާހަކށްވުރެ ގިނަ ސީރިޔާގެ ރައްޔިތުން މަރުވެއްޖެ ކަމަށް މޮނިޓަރިން ގުރޫޕެއް ކަމަށްވާ ވަޔޮލޭޝަންސް ޑޮކިއުމެންޓޭޝަން ސެންޓާރ (ވީޑީސީ) އިން ބުނެފި އެވެ.

ވީޑީސީ އަކީ 2011 ވަނަ އަހަރުން ފެށިގެން ސީރިޔާގައި ދޭ ހަމަލާތަކުގަިއ މަރުވާ އަދި ޒަހަމްވާ މީހުންގެ އަދަދު ބަލަހައްޓާ މޮނިޓަރ ކުރަމުންދާ މިނިވަން ޖަމިއްޔާ އެކެވެ.

އެގުރޫޕުން ބުނީ މިހަމަލާތަކުގައި މިހާތަނަށް 1،505 މީހުން މަރުވެއްޖެ ކަމަށެވެ.

" މިހަމަލާތަކުގައި މަރުވި މީހުންގެ ނަންތަކާއި އެއްޗެހި ހުންނާނެ ނޯޓު ކުރެވިފައި. އޭގެން 346 މީހުންނަކީ ކުޑަކުދިން" އެގުރޫޕުގެ ތަރުޖަމާނު ބައްސާމް އަލް އަހްމަދު ވިދާޅުވި އެވެ.

މިހަމަލާތަކުގައި މިހާތަނަށް 1،141 ހަނގުރާމަ ވެރިއަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އައިސިސް ހަނގުރާމަވެރިންވެސް ހިމެނޭ ކަމަށް އިނގިރޭސި ވިލާތުގެ މޮނިޓަރިން ގުރޫޕަކުން ބުނެއެވެ.

ރަޝިޔާއިން ސީރިޔާއަށް ވައިގެ ހަމަލާތައް ދޭން ފެށީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.