ކުޅިވަރު

ޖޯޝުގައި ތިއްބަސް ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ނުކުންނަ އާޖެންޓީނާ ޓީމުގައި ޖޯޝާއި ރޫހު އޮތަސް އެޓީމު އޮތީ ކްރޮއޭޝިއާ އަށް ވުރެ ބޮޑު ޕްރެޝަރެއްގައި ކަމަށް ކްރޮއެޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އެވެ. އެފަހަރު ކްރޮއޭޝިއާ ފައިނަލުގައި ކުޅުނުއިރު ދެވަނަ ބުރުގައި އާޖެންޓީނާ ވަނީ ފްރާންސް އަތުން ބަލިވެ ކަޓައިފަ އެވެ.

"އަހަރެމެން މި ކުޅެނީ ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް. ލިއޮނެލް މެސީ ލީޑު ކުރާ މޮޅު ޓީމަކާ ދެކޮޅަށް. އެޓީމު އޮތީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފަ. އެކަމަކު މިވަގުތަށް ބަލާއިރު ކްރޮއޭޝިއާ އަށް ވުރެ އާޖެންޓީނާ އަށް ޕްރެޝަރު ބޮޑު" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްރޮއޭޝިއާގެ ކޯޗު ޑަލިޗް ބުންޏެވެ.

އާބާދީގައި ހަތަރު މިލިއަނަށް ވުރެ މީހުން މަދު ކްރޮއޭޝިއާ އިން އަންނަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ހާއްސަކޮށް ދުނިޔޭގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް އެޓީމުން މޮޅު ކުޅުމެއް ދައްކަ އެވެ. ޑަލިޗް ބުނީ އާޖެންޓީނާ ބަލިކޮށް ކްރޮއޭޝިއާ އަށް ފައިނަލަށް ދެވިއްޖެ ނަމަ އެއީ ކްރޮއޭޝިއާ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީ އަށް ވާނެ ކަމަށެވެ.

ކޯޗު ބުނީ 2018 ވަނަ އަހަރު ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރެވުމަކީ ކްރޮއޭޝިއާ އިން ކުޅުނު އެންމެ ކާމިޔާބު މެޗު ކަމަށެވެ. އޭގެފަހުން މިފަހަރު ބްރެޒިލް ބަލުކުރެވުމަކީ ބޮޑު ޝަރަފެއް ކަމަށް ޑަލިޗް ބުންޏެވެ.

"މިރޭ އާޖެންޓީނާ ބަލިކުރެވިއްޖެ ނަމަ ޔަގީނުން ވެސް ވާނީ ކްރޮއޭޝިއާ ފުޓްބޯޅައިގައި އެންމެ ތާރީހީ މެޗަށް" ޑަލިޗް ބުންޏެވެ.
ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން އަތުން މޮޅުވި އެވެ. އޭގެފަހުން ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކުރީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ކުރި ހޯދައިފި ނަމަ ކްރޮއޭޝިއާ ވާނީ އެއް ވޯލްޑް ކަޕެއްގައި ބްރެޒިލް އާއި އާޖެންޓީނާ ކަޓުވާލި ދެވަނަ ޓީމަށެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން ވަނީ ބްރެޒިލް އާއި އާޖެންޓީނާ ކަޓުވާލާފަ އެވެ.

"އަހަރެމެން މިއޮތީ ދުނިޔޭގެ ގަދަ ހަތަރު ޓީމުގެ ތެރޭގަ. ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ދެފަހަރު ސެމީ ފައިނަލުގައި ވާދަކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް" ޑަލިޗް ބުންޏެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.