އޭޑިކޭ ހޮސްޕިޓަލް

މާދަމާއިން ފެށިގެން އޭޑީކޭގެ އަގުތައް ބޮޑުވާނެ

އޭޑީކޭ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ އަގުބޮޑުކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ދުނިޔެއާއި ރާއްޖޭގައިވެސް ބޮޑުވެފައިވާތީ، އޭޑީކޭ ހޮސްޕިޓަލްގެ ހިންގުމުގެ ހަރަދުތައް އެތައް ގުނައަކުން ބޮޑުވެފައިވާ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިދުމަތުގެ އަގު ބޮޑުކުރަންޖެހޭތީ މާދަމާ އިން ފެށިގެން އަގުތައް ބޮޑުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އޭޑީކޭ އިން ބުނީ ހިދުމަތް ހޯދާ މީހުންނަށް ލުއިގޮތަކަށް މި ބަދަލު ގެނައުމަށްޓަކައި އެކި ހިދުމަތްތަކުގެ އަގު ބަދަލުކުރަން ނިންމާފައިވަނީ، މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. މިބަދަލުތަކުގެ ތަފްސީލު ހޮސްޕިޓަލުގެ ކައުންޓަރުން ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އޭޑީކޭ އަކީ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕޮޓަލަކަށް ވެފައި އާސަންދައިގެ ދަށުންވެސް އެ އޮސްޕިޓަލުން ބޮޑު ޕަސެންޓެއް ޗާޖުކުރާތީ، ގިނަ ބަޔަކު އަބަދުވެސް ޝަކުވާ ކުރެ އެވެ.