ހަބަރު

މަރާމާތަށް ފަހު ޖާގަބޮޑުކޮށް އިސްލާމިކް ލައިބްރެރީ ހުޅުވައިފި

އިސްލާމިކް ލައިބްރެރީ މަރާމާތު ކުރުމަށް ފަހުމިއަދު އަލުން ހުޅުވައިފި އެވެ.

އިސްލާމީ ލައިބްރެރީ ކުރިން ހުންނަނީ އިސްލަމީ މަރުކަޒުގެ މިނިސްޓްރީގެ މަސައްކަތްތައް ހިންގާ ސަރަހައްދުގައި ކަމަށްވީ ނަމަވެސް ލައިބްރަރީ އަލަށް ހުޅުވި އިރު މިހާރު އެ ލައިބްރަރީ ބަދަލުކޮށްފައި ވަނީ އިސްލާމީ މަރުކަޒުގެ އަނެއް ފަޅިއަށެވެ. އަދި އެތަނުގެ ޖާގަ ބޮޑުކޮށް ފަސޭހަ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.

އިސްލާމީ ލައިބްރެރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލައިބްރެރީ ހިނގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަބޫ ބަކުރު ވިދާޅުވީ ލައިބްރެރީގައި މިހާރު ތަފާތު މައުލޫތަކަށް ލިޔެފައި ހުންނަށް ފޮތްތައް އަރަބި، ދިވެހި އިނގިރޭސި އަދި އުރުދޫ ބަހުން ވެސް ހުންނާނެ ކަމަށާއި އޭގެތެރޭގައި ކީރިތީ ގުރުއާނުގެ އިލްމާއި އިސްލާމީ ފިގުހު އަދި އިސްލާމީ ތާރީހް އަދި މިނޫންވެސް ގިނަ މައުލޫތައް އެކުލެވޭ ފޮތް ހުންނާނެ ކަމަށެވެ.

މުހައްމަދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި އިސްލާމިކް މިނިސްޓްރީއަށާއި އަދި މަރުކަޒަށް ތަފާތު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުން ލައިބްރެރީއަށް ދޭންޖެހޭ އަޅާލުން އެކަށީގެންވާ ވަރަށް ނުދިނުމުގެ ސަބަބުން ލައިބްރެރީއަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. 

"ކުރިން ވެސް ލައިބްރެރީ އެކި ދިމާދިމާލަށް ބަދަލު ކުރެވުން. އަދި ދޭންޖެހޭ ސަމާލުން ނުދިނުމުގެ ސަބަބުން ލައިބްރެރީގައި ކުރިން ހުރި ގިނަ އަދަދެއްގެ ފޮތް މިހާރު މިވަނީ ނެތިގޮސްފައި. އޭގެ ފަހުން އަޅުގަނޑުމެންނަށް މިވަނީ އަލުން ލައިބެރީ ދިރުވާ އާލައި ކޮށް ލައިބްރެރީއަށް ދޭން ޖެހޭ ހައްގު މަގާމް ހޯދައިދީފައި،" މުހައްމަދު ވިދާޅުވި އެވެ.

ލައިބްރެރީއަށް މަރާމާތުކޮށް އަލުން ހުޅުވި އިރު އިސްލާމިކް މިނިސްޓްރީ އިން ވަނީ އިތުރު އާފޮތްތަކެއް ލައިބްރެރީއަށް ހަދިޔާކޮށްފަ އެވެ. އަދި މެމްބާޝިޕް ހައްދައިގެން ފޮތް ނެގުމުގެ ފުރުސަތުވެސް މިހާރު ލިބެ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެސް ވަނީ ރިޔާދުއް ސޯލިހީންގެ އާ ކޮޕީ އަކާއި ފިގުހު ސުންނަތުގެ ތަރުޖަމާގެ ބައެއް ލައިބްރެރީއަށް ހަދިޔާކޮށްފަ އެވެ.

އިސްލާމީ މަރުކަޒުގައި ގާއިމް ކޮށްފައި ހުންނަ މި ލައިބްރެރީ ފުރަތަމަ ހުޅުވީ 1984 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރެއްގަ އެވެ.