ފައިސަލް ނަސީމް

ނައިބް ރައީސް އައްޑޫ އަދި ފުވައްމުލަކަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ނައިބުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވެސް ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގައި އަލަށް ފަށާ ހިދުމަތްތައް ވެސް ނައިބު ރައީސްގެ މިދަތުުރުފުޅުގައި އިފްތިތާހް ކޮށްދެއްވާނެ އެވެ.

މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައި ދެއްވައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ވެސް ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބް ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.