ހަބަރު

ފޯމުތަކުގެ ފިންގަޕްރިންޓް މައްސަލައިގެ ތެރެއަށް އަދާލަތުން ވަދެއްޖެ

މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ހަމަކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އަދާލަތު ޕާޓީން ބައިވެރިވެއްޖެ އެވެ. މި މައްސަލައަކީ އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް 2013 ގައި އަމަލުކުރަން ފެށުމާ އެކު، ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް ޕާޓީތަކަށް ހަމަސް ދުވަހުގެ މުއްދަތެއް އިލެކްޝަން ކޮމިޝަނުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ގާނޫނުގެ ދަށުން، ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ. ޕީޕީއެމް އުފެއްދީ ގާނޫނުގެ ފަހުން ކަމަށް ވާތީ، ފިންގަޕްރިންޓް މައްސަލަ އެ ޕާޓީއަށް ދިމައެއް ނުވެ އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ތަދައްހުލުވާން އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ސަބަބާ ގުޅޭގޮތުން އެމްޑީޕީގެ ސެކެޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވަނީ، ގާނޫނުގެ ކުރިން ހުށަހަޅާފައިވާ ފޯމްތަކުގައި ފިންގަޕްރިންޓް ޖަހަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ގާނޫނު ތަފާތު ގޮތަކަށް މާނަކޮށްގެން ކަމަށެވެ. އެހެން ކަމުން ކޯޓު މެދުވެރިކޮށް އެ މައްސަލަޔަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އަނަސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މައްސަލަ ކޯޓުގައި އޮތަސް އެމްޑީޕީއިން އިލެކްޝަންގެ އަމުރަށް ކިޔަމަންވާނެ ކަމަށާއި، ފޯމްތަކުގައި ފިންގަޕްރިންޓް ޖެހުމުގެ މަސައްކަތް މިހާރުވެސް އެމްޑީޕީން ކުރަމުންދާ ކަމަށެވެ.

ޑީއާރްޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ކުރިން ކޮށްފައިވާ ކަމަކަށް ފަހުން ހެދޭ ގާނޫނު ނުހިނގާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެ މައްސަލައިގައި އެޓާނީ ޖެނަރަލް ވެސް ލަފާދެއްވީ އެގޮތަށް ކަމަށެވެ. އެހެން ކަމުން، ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާތީ އިލެކްޝަންގެ އެންގުމަށް އަމަލު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.