ތިލަމާލެ ބްރިޖް

"ބްރިޖް މަސައްކަތަށް ލަސްވުމެއް އަންނާނެކަން އަދި ނޭނގޭ"

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްރިޖް މަސައްކަތަށް ލަސްވުމެއް އަންނާނެކަން ނުވަތަ ނޫންކަން އެނގޭނީ އެސެސްމަންޓް ހެދުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ބްރިޖް މަސައްކަތަށް އެއްވެސް އަސަރެއް ކުރާނެތޯ ބަލަމުންދާ ކަމަށެވެ.

އަލިފާނުގެ އެ ހާދިސާގައި މީހަކު ގެއްލިފައިވާއިރު އެ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހާދިސާގައި އަނިޔާވި 13 މީހަކަށް އައިޖީއެމްއެޗްގައި އަދި 60 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ގުޅީފަޅުގައި މިއަދު ވަނީ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާކޮށްފަ އެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ބޭނުންކުރި ކެރޭނެއް މިމަހު ވަނީ ބިންދައިގެން ގޮސްފަ ކަނޑަށް ވެއްޓިފަ އެވެ.

އޭގެ އިތުރުން ބްރިޖު މަޝްރޫއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ވަނީ މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު އެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ބްރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އަށް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.

އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާސް ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ.