ތިލަމާލެ ބްރިޖް

ބްރިޖުގެ ޕައިލިން މަސައްކަތަށް އިތުރު ޕްލެޓްފޯމެއް ގެނެސްފި

ތިލަމާލެ ބްރިޖުގެ ޕައިލިންގެ މަސައްކަތަށް އިތުރު ޕްލެޓްފޯމެއް ގެނެސް ބޭނުންކުރަން ފަށައިފި އެވެ.

ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރަން ގެނެސް އިއްޔެ ބޭނުންކުރަން ފެށި "މަހަރާޖާ" ޕްލެޓްފޯމަކީ ބަރުދަނުގައި 650 ޓަނު ހުންނަ ޕްލެޓްފޯމެކެވެ. މިއީ 350 ޓަނުގެ ބަރު އެއްޗެހި އުފުއްލުމުގެ ގާބިލުކަން ލިބިފައިވާ ޕްލެޓްފޯމެކެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމް ބޭނުންކޮށްގެން މާލެ އާއި ވިލިމާލެއާ ދެމެދު 24 ޕައިލެއްގެ މަސައްކަތް ކުރާނެ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ޕައިލިންގެ މަސައްކަތަށް ޕްލެޓްފޯމެއް ގެނެސް ބޭނުންކުރަން ފަށާފައިވާއިރު މީގެ ކުރިން "ރުމެއިލާ" ނަމަކަށް ކިޔާ ޕްލެޓްފޯމެއް ބްރިޖުގެ މަސައްކަތަށް ބޭނުންކުރި އެވެ.

މީގެ އިތުރުން ބްރިޖު މަޝްރޫއުގައި މޫދުގެ ތިލަ ހިސާބުތަކުގެ ޕައިލިންގެ މަސައްކަތްކުރަނީ "މަހަރާނީ" ނަމަކަށް ކިޔާ ޕްލެޓްފޯމެކެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލޭގެ ޕައިލިން މަސައްކަތް ފަށާފައިވާއިރު ބްރިޖުގެ ޕްރީކާސްޓް ސެގްމެންޓްތައް ގުޅީފަޅުގައި ދަނީ އަޅަމުންނެވެ.

ދިގުމިނުގައި 8.177 މީޓަރު ހުންނަ މި ސެގްމެންޓްތަކަކީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.