ތިލަމާލެ ބްރިޖް

ބްރިޖަަށް މިއަހަރު 55 މިލިއަން ރުފިޔާ ހަރަދުކޮށްފި

ބްރިޖު ހެދުމަށް މިއަހަރު ދައުލަތުން 55 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ ފެބްރުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖު މަޝްރޫއަށް ދައުލަތުން ކުރި ހަރަދެވެ.

ބްރިޖު މަޝްރޫއަށް މިއަހަރު 819.4 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. ބްރިޖު މަޝްރޫއަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މާލެ އާއި ތިލަފުށީ ގުޅާލާ ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއާ އެވެ. މަޝްރޫއުގެ އެއްބަސްވުމުގައި އެފްކޮންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން ސޮއި ކުރީ އޯގަސްޓް 26، 2021 ގައެވެ. ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 22، 2022 ގައެވެ.

ބްރިޖުގެ ޑޮކިން ނުވަތަ ބްރިޖު މަތީގައި ވެހިކަލް ދުއްވާފައިދާ ކޮންކްރީޓް ޝީޓްތައް ހެދުމުގެ މަސައްކަތް ގުޅިފަޅުގައި ދަނީ ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.