ތިލަމާލެ ބްރިޖް

ބްރިޖުގެ ތަނބުތައް ފުންކަނޑުގައި ޖެހުމަށް ހާއްސަ އުޅަނދެއް ގެނެސްފި

ތިލަމާލެ ބްރިޖުގެ ތަނބުތައް ފުން ކަނޑުގައި ޖެހުމަށް ބޭނުންކުރާ ހާއްސަ އުޅަނދެއް -- ޖެކްއަޕް ޕްލެޓްފޯމެއް މާލެ ގެނެސްފި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ގެނައި މިފަދަ ތިންވަނަ އުޅަނދަކީ "މަހަކްސިޔާ" ކިޔާ އުޅަނދެކެވެ. އެފްކޮންސް އިން މީގެކުރިން ވަނީ "މަހާރާނީ" އަދި "މަހާރާޖާ" ކިޔާ ޕްލެޓްފޯމް އުޅަނދެއްވެސް ރާއްޖެ ގެނެސްފަ އެވެ.

އެފްކޮންސް އިން ބުނާ ގޮތުގައި ތިންވަނަ އުޅަނދާ އެކު ކަނޑުގެ ފުން ހިސާބުތަކުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް އަވަސްކުރެވިގެންދާނެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބަލާއިރު ބްރިޖުގެ ތަނބުތަކުގައި ބާއްވާ ޕްރީކާސްޓް ސެގްމަންޓްތައް ގުޅިފަޅުގައި ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. ނަމަވެސް މިމަސައްކަތް ނިންމާލެވޭނެ ދުވަހެއް އެފްކޮންސް އިން އަދި ނުބުނެ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖުގެ އަމަލީ މަސައްކަތާއި ކަމާ ގުޅޭ ސާވޭ ތަކާއި ދިރާސާތައްވެސް ހެދީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ.

ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.