އެފްކޮންސް

އުޅަނދު ވިލިމާލެ ފަރަކަށް ނާރާ: އެފްކޮންސް

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ފްލޯޓިން ބެޗެއް ވިލިމާލެ ފަރަށް އެރި ކަމަށް ދެކެވޭ ވާހަކަ އެފްކޮންސް އިން ދޮގުކޮށްފި އެވެ.

ބްރިޖު މަސައްކަތުގައި ބޭނުންކުރި އުޅަނދެއް ވިލިމާލޭ ފަރަށް އެރި ކަމަށް ބުނެ ރޭ ދަންވަރު ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވި ގޮތުގައި ފްލޯޓިން ބެޗް ދިޔައީ ވިލިމާލެ ފަރު ކައިރިންނެވެ. ފްލޯޓިން ބެޗް ވިލިމާލޭ ފަރަށް ނާރާކަމުގެ ޔަގީންކަން ޖިނާން ދެއްވި އެވެ.

ޖިނާން ވިދާޅުވީ ޑައިވަރުން އެ ސަރަހައްދަށް ފައިބައިގެން ފަރަށް އެއްވެސް ގެއްލުމެއް ލިބިފައި ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.

ތިލަމާލެ ބްރިޖު މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓްމަހު ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އެވެ.

ޖޫރިމަނާ އިސްތިއުނާފުކުރަން އެ ކުންފުނިން އެންވަޔަރަމަންޓް މިނިސްޓަރަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާއިރު ޖޫރިމަނާ މާފުކުރުމުގެ ސިޔާސަތެއް ނެތް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ވިދާޅުވެފަ އެވެ.