ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ، މި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ފަޅުރަށްރަށާ ބެހޭ ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ އަދި އެފަރާތް ފަރާތުން ވަކިކުރެވޭނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަށެވެ.
އަދި އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއް ނާޅަ އެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ލިޔެދޭ ރަށްރަށާއި އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށުގެ އިތުރުން އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ފަޅުރަށްރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.