ހަބަރު

ނަޝީދު ޔޫކޭއަށް ވަޑައިގެންފި، ޕްރެސް ކޮންފަރެންސެއް ދެއްވަނީ

ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަކަށް އިނގިރޭސިވިލާތަށް މިރޭ ވަޑައިގެންފި އެވެ. އަދި އަންނަ ހޯމަ ދުވަހު އެމަނިކުފާނު އިނގިރޭސިވިލާތުގައި ބައިނަލްއަގުވާމީ މީޑިއާއަށް ޕްރެސްކޮންފަރެންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭ ސްރީލަންކާއިން އިނގިރޭސި ވިލާތަށް ދަތުރުފެއްޓެވި، އެމަނިކުފާނު މިރޭ ލަންޑަނަށް ވަޑައިގެން އިރު، އިނގިރޭސިވިލާތުގައި ބާއްވާ ޕްރެސްކޮންފަރެންސަކީ ނަޝީދު ދޫކޮށްލެއްވި ފަހުން މީޑިއާއަށް އެމަނިކުފާނު ދެއްވާނެ ފުރަތަމަ ޕްރެސްކޮންފަރެންސެވެ.

މިއަދު އިނގިރޭސިވިލާތަށް ވަޑައިގަތުމުން ހީތްރޯ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ލޯޔަރު އަމަލް ކްލޫނީ އާއި ޖެރެންޑް ޖެންސާ އަދި ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެވެ. 

އެމަނިކުފާނުގެ ލޯޔަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑްޖެންސާ އާއި އަމަލްކްލޫނީ އާއި ބެންއެމާސަން ނަޝީދާ އެކު ޕްރެސްކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ނަޝީދުގެ ލޯ ޓީމުން ނެރުނު ބަޔާނެއްގައިވެ އެވެ. ހޯމަ ދުވަހު ނަޝީދު ލަންޑަންގައި ޕްރެސްކޮންފަރެންސް ދެއްވާނީ އެ ދުވަހު ރާއްޖެ ގަނޑިން އިރުއޮއްސި 6:00ގަ އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޕްރެސްކޮންފަރެންސްގައި ނަޝީދާއި ލޯޔަރުން އަލިއަޅުވާލާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާއި ސުވަރުގެއެއްގެ ގޮތުގައި ބެލެވޭ ރާއްޖޭގައި ހިނގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ މައްޗަށެވެ. 

ތޭރަ އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދެވި ނަޝީދު ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ރާއްޖެއިން ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އަދި އޭގެ ފަހުން ސްރީލަންކާގައި ދެދުވަހު މަޑުކުރެއްވި އިރު އެ ގައުމުގައި ތިއްބެވި ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާއި ދިވެހިންނާ ވެސް ނަޝީދު ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ނަޝީދު ގޮވާލެއްވި އެވެ.

ނަޝީދު ބޭރަށް ފުރައިވަޑައިގަނެގެން އުޅުއްވާ އިރު ނަޝީދު ދޫކޮށްލާފައި ހުންނަ ދުވަސްވަރު ޒިންމާވާނެ މީހެއްގެ ގޮތުން ސޮއި ކުރެއްވި އެމަނިކުފާނުގެ ބޭބެ، ޑރ. އިބްރާހިމް ނާޝިދު އެމަނިކުފާނާ އެކު ޔޫކޭއަށް ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަޝީދުގެ ބޭސްފަރުވާއަށް ޔޫކޭއަށް ދިޔުމަށް ހުއްދަ ދިނީ 30 ދުވަހަށެވެ. އަދި އެ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ ޑޮކްޓަރު ސިޓީ ހުށަހެޅުމުން އެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމާފައިވެ އެވެ.