މާލޭ ސިޓީ ކައުންސިލް

"ކަށުނަމާދުު ޕޭޖު ހުއްޓާލާކަށް ނުބުނަން"

ކަށުނަމާދު ޕޭޖު ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލްގެ އެއްވެސް މުވައްޒަފަކު ކަށުނަމާދު ޕޭޖު ހުއްޓާލުމަށް އެއްވެސް ފަރާތަށް އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.

އެކަމަކު ކަށުނަމާދު ޕޭޖު ހިންގާ އަހްމަދު މުނައްވަރު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމިއްލަ މީހަކަށް ކަށުނަމާދު ޕޭޖު ނުހިންގޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މިއަދު ބުނެފައިވާ ކަމަށާއި އެ ޕޭޖު ހުއްޓާލުމަށް ވެސް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑު ވެސް އިން އެ ބައްދަލުވުމުގައި ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކައިރި ބުނީ އެ ޕޭޖެއް ނުހިންގޭނޭ. އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތެކޭ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަށުނަމާދު ޕޭޖު ހިންގުމަކީ އަމިއްލަ ފަރުދަކަށް ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންވީމަ އެފްބީ ޕޭޖު ވެސް ވައިބާ ގްރޫޕު ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެކަމަކު ސިޓީ ކައުންސިލުން ބުނީ އެއްވެސް މީހަކަށް ކައުންސިލުން އެކަމާ ގުޅޭ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.

ކަށުނަމާދު ޕޭޖު މެދުވެރިކޮށް ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ގިނަ އަހަރުތަކެއްވީއިރު އެ ޕޭޖުގެ ފޮލޯވަރުންގެ އަދަދު 70،000 އަށް ވުރެ ގިނަ އެވެ.