މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފެށީ ނިމުނު ހަފްތާގެ ތެރޭގައި ކަމަށެވެ.
މާފަންނު ސަހަރާ ހުސްކުރުމުގެ ގޮތުން އެ ތަނުގެ އެއްބައިގައި ޓިނުޖަހައި މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު ކުރި އިއުލާނެއްގައި ވަނީ އެކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްްކޮށް، ސަފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލާފަ އެވެ. ނަމަވެސް މަސައްކަތް ހަވާލުކުރި ކުންފުނީގެ މައުލޫމާތު ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
މިއިއުލާންގައިވާ ގޮތުން މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ސާފުކުރަންޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމިއްލަ ތަކެތީގައެވެ.
މިމަސައްކަތުގެ ތެރޭގައި ތިން ކަމެއް ކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. މީގެތެރޭގައި 2.4 މީޓަރު ފުންމިނަށް ވެލިގަނޑު ކޮނެ ފުރޭނުމާއި އަދި ފުރޭނުމަށްފަހު ހުޅުމާލެ ސަހަރާއަށް ގެންގޮސް ފުނިޖެހުމާއި، މާފަންނު ސަހަރާގެ ވަށައިގެންވާ 742 ފޫޓް މަގުފާރު ނަގައި އުކާލުމާއި، ސަހަރާގެ ގޯތި ތެރޭގައިވާ ނަގަންޖެހޭ ގަސްތައް ނެގުމަށްފަހު އަލުން ސިޓީ ކައުންސިލުން ދައްކާ ތަނެއްގައި ގަސް އިންދުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
ގަބުރުސްތާނުތައް ހުސްކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 2017 ވަނަ އަހަރު ނެރުނު ފަތުވާއެއްގައި ބުނެފައިވަނީ ދުވަސްވެ އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހްތިރާމާ އެކު ކޮނެ، އެ ތަންތަނުން ފެންނަ މިނިކަށިތައް އިހްތިރާމާ އެކު އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށްފަހު އެ ގަބުރުސްތާންތަކުގެ ބިން، އާންމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުން ކުރެވިދާނެ ކަމަށެވެ.
މާފަންނު ސަހަރާ ހުސްކުރަނީ އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކަމަށް އެނގިފައިވެ އެވެ.
މާލޭގެ ހެންވޭރު ސަހަރާއި މައްޗަށްގޮޅި ސަހަރާގެ ބައެއްވެސް މީގެކުރިން ހުސްކޮށްފައިވެ އެވެ. އެތަންތަނުގައިވެސް ހަދާފައިވަނީ އުޅަނދުތައް ޕާކް ކުރާނެ ސަރަހައްދެކެވެ.