ރައީސް މައުމޫން އަބްދުލްގައްޔޫމް

މެންބަރުންގެ އަދަދު އެއްލައްކަށް އަރުވައި، ޕީޕީއެމްގެ އެތެރެ ވަރުގަދަ ކުރާނަން: މައުމޫން

Jan 21, 2016
1

މި އަހަރުގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރުވައި ޕާޓީގެ ތެރޭގެ ގުޅުމާއި ވަހުދަތު ވަރުގަދަ ކުރައްވާނެ ކަމަށާއި އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ ގުޅިގެން މިރޭ "އުންމީދީ 16" އިގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާނިވަލްގައި ގިނަ އަދަދެއްގެ މީހުނާއެކު ބޭއްވި އަދި ގިނަ އަދަދެއްގެ މީހުން ޕާޓީއާ ގުޅުނު ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ 2015 ވނަ އަހަރަކީ ޕީޕީއެމަށާއި ސަރުކާރަށް ގިނަގުނަ ކާމިޔާބީތައް ހާސިލް ކުރެވުނު އަދި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކުގެ ދަށުން ރާއްޖެއަށް ގިނަ އަދި ބޮޑެތި ތަރައްގީތައް ލިބިގެންދިޔަ އަހަރެއް ކަމަށާއި 2016 ވަނަ އަހަރަކީ އުންމީދީ އަހަރަކަށްވާއިރު މި އަހަރުގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރުވާނެ ކަމަށެވެ.

އިލެކްޝަންސްގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ޕީޕީއެމްގެ މެންބަރުގެ އަދަދު އުޅެނީ 36،000 އިން މަތީގައެވެ. ނަމަވެސް ޕީޕީއެމުން ބުނާ ގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 60،000 އިން މަތީގައި އުޅޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އުންމީދުތައް ހާސިލް ކުރެވޭނީ އުންމީދު ކުރުމާއެކު އެކަމަށް މަސައްކަތް ކޮށްގެން ކަމަށާއި މިއަހަރުގެ ތެރޭގައި ޕާޓީގެ ގުޅުންތައް ވަރުގަދަކޮށް ވަހުދަތު ބޮޑު ކުރަން އޮތް ހުރިހާ މަސައްކަތެް ކުރައްވަން ކުރާ އުންމީދާއެކު އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތްތަކާއެކު ސިޔާސީ ހަލަބޮލިކަން ނައްތާލާއި އެއްބައިވަންތަކަން ރާއްޖެއަށް ގެނައުމަށް ޕީޕީއެމާއި ސަރުކާރުން މަސައްކަތް ކުރާނެ އިރު އިޖްތިމާއީ އަދި އިގްތިސޯދ ތަރައްގީ ހޯދަން އާ އުންމީދުތަކެއްކޮށް އެކަންކަމަށް މި އުންމީދީ އަހަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.