އެފްކޮންސް

އެފްކޯންސްގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފި

އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުނީގެ މުވައްޒަފުން ދިރިއުޅުނު ގުޅީފަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ތަނުގައި ދިރިއުޅުނު މުވައްޒަފުން ތިބެން އެހެން އެކޮމޮޑޭޝަނެއް ހަމަޖައްސައިދީފި އެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން އަވަސް އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި ދިރިއުޅުނު މީހުން ހުޅުމާލެ އަދި ގުޅީފަޅުގައި ހުންނަ އެފްކޯންސްގެ އެހެން އެކޮމޮޑޭޝަން ބްލޮކްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ހާދިސާއަށް ފަހު އެފްކޯންސްގެ ބަކީ ހުރި އެކޮމޮޑޭޝަން ބްލޮކްތަކަށް މުވައްޒަފުން ވަނީ ބަދަލުކުރެވިފައި،" ޖިނާން ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު އެވެ.

އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެން ބައެއް މީހުންނަށް ފަރުވާ ދީފައިވެ އެވެ.

މި ހާދިސާގައި ގެއްލުނު މީހަކު ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެެއް ކަމަށް ބެލެވޭ ބައިތަކެއް ވެސް ފެނިފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްރިޖް މަސައްކަތަށް އެއްވެސް ބަދަލެއް އަންނަނަމަ އެކަން އެނގޭނީ އެސެސްމަންޓް ހެދުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި މާލެ ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބްރިޖުން ގުޅާލެވި އެހާތަނަށް ބްރިޖުގައި ދަތުރުތައް ކުރަން ފެށޭނެ އެވެ.