އެސްޓީއޯ

އެސްޓީއޯއަށް 58 އަހަރު، ގިނަ ހަރަކާތްތަކެއް

ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުނި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 58 އަހަރު ފުރުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ކުންފުނިން ނިންމައިފި އެވެ.

މިގޮތުން އެކުންފުނިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އެސްޓީއޯ ޕީޕަލްޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން އަދި ރީޖަނަލް ފިހާރަތަކުގައި މިހާރު ކުރިއަށްދާ އެއް ދުވަހުގެ ސޭލެއް ހިމެނެއެވެ.

މިއަދު ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ 58 މީހަކަށް ގިފްޓް ހެމްޕާއެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ.

އެސްޓީއޯއިން އަށުވަންނައިގެ ނަމުގައި "ސޯސަލް" އާއި ގުޅިގެން އިންސްޓަގްރާމްގައި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކެމްޕޭނެއް ކުރިއަށް ގެންދާނެ އެވެ.

މި ކެމްޕޭނުގެ ދަށުން އެސްޓީއޯއިން ކޮންމެ ދުވަހަކުވެސް ސުވާލެއް އާންމު ކުރާނެ އެވެ. މިގޮތުން އެ ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ މީހުންގެ ތެރެއިން 58 މީހަކަށް ގިފްޓު ހެމްޕާއެއް ލިބޭނެ އެވެ.

އެސްޓީއޯއަކީ 1964 ވަނަ އަހަރު އަތިރީމާފަންނު ޓުރޭޑިން އެކައުންޓުގެ ނަމުގައި ފެށިގެން އައި ވިޔަފާރިއެކެވެ.