ހއ. ހޯރަފުށި

ހޯރަފުށްޓަށް އިންޓަނޭޝަނަލް ސްކޫލެއް

ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ހޯރަފުށި ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށުގައި ހުންނަ ކައުންސިލްގެ ސްކޫލު އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއްގެ ހިދުމަތް ދިނުމުގެ މަގުސަދަކީ ޕްރީ ސްކޫލުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދު، ޒަމާނީ ވަސީލަތްތަކާއެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިޔުކޭޝަން ސިސްޓަމްތަކާ އެއްފެންވަރެއްގައި ފެންވަރު ރަނގަޅު ޒަމާނީ ތައުލީމު ހޯރަފުށީގައި ތިބެގެން އުނގެނުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުން ކަމުގައި އިއުލާނުގައި ބުނެފައިވެ އެވެ.

"ހާއްސަކޮށް، ޕްރީ ސްކޫލު މަރުހަލާގައި އެ އުމުރުފުރައިގެ ކުދިންނަށް ބޭނުންވާނެ ތައުލީމާއި ހުނަރު ލިއްބައިދޭނޭ ފުރުސަތު ހޯރަފުށީ ކައުންސިލްގެ އިސްނެގުމުގެ މަތިން ފޯރުކޮށްދެވޭނޭ މަގު ހޯރަފުށީގައި ގާއިމުކުރުމެވެ،" އިއުލާނުގައިވެ އެވެ.

އިންޓަނޭޝަނަލް ސްކޫލު ހިންގުމަށްޓަކއި ވަށާ ފާރު ރާނައި، ގޭޓް ހަރުކޮށްފައިވާ، 11،406 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކައުންސިލުން ދޭ އިމާރާތުގައި ހުންނާނެ ވަސީލަތްތައް:

  • ޕްލޭ ގްރައުންޑް އަދި ބޭނުންވާ މައިގަނޑު ތަކެތި
  • ގުދަނެއް
  • ޕަބްލިކް ފާހަނާއެއް
  • ދަރިވަރުންނަށް ހާއްސަ ހަތަރު ފާހަނާ
  • ތިން ކުލާސްރޫމް
  • ޕްރިންސިޕަލް ރޫމް (އެޓޭޗް ޓޮއިލެޓާއިއެކު)
  • ސްޓާފް ރޫމް (އެޓޭޗް ޓޮއިލެޓާއިއެކު)
  • ރިސެޕްޝަން އޭރިއާއެއް
  • ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނޭ ގޮޑި މޭޒް

އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސުކޫލު ހިންގުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ހޯދަންޖެހޭނީ ސްކޫލު ހިންގުމާ ހަވާލުވާ ކުންފުނިންނެވެ.

ހޯރަފުށީގައި އިންޓާނޭޝަނަލް ސްކޫލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި މި ސްކޫލު ހިންގުމަށް 5-15 އަހަރާއި ދެމެދުގެ މުއްދަތަކަށް ބިން ދޫކުރާނެ ކަމަށްވެސް ހޯރަފުށި ކައުންސިލުން ބުނެފައިވެ އެވެ.