ރައީސް މުހައްމަދު ނަޝީދު

ވަކިކުރީ ރައީސް ސޯލިހާ ދެކޮޅު މީހުން: ނަޝީދު

އެމްޑީޕީގެ ދަފްތަރުން ވަކިކުރި މީހުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާތީ ވަކި ކުރި ބައެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައި މިވަނީ އެމްޑީޕީގެ ދަފްތަރުން އުނިކުރި މީހުންގެ ތެރެއިން 17،156 މީހުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާތީ އުނިކުރި ބައެއް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވެފައި ވަނިކޮށެވެ.

އިބްރާހީމް ވަހީދު އާންމުކުރެއްވި ލިޔުމެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލެވޭ މީހުންގެ ދަފްތަރު މިދިޔަ އަހަރު އޭޕްރީލް މަހު އިއުލާން ކުރިއިރު އެ ދަފްތަރުގައި 93،440 މީހުން ތިބި ކަމަށެވެ. ނަމަވެސް މި ދަފްތަރުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެހެން ޕާޓީތަކަށް ރަޖިސްޓާ ވެފައިވާ 17،156 މީހުން ތިބި ކަމަށެވެ. އެހެން ޕާޓިތަކަށް ނިސްބަތް މީހުންގެ ތެރެއިން އެމްޑީޕީގެ ދަފްތަރުގައި އެންމެ ގިނައިން ތިބީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހުންނެވެ. ޕީޕީއެމްއަށް ނިސްބަތްވާ 6،357 މެންބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމެނެ އެވެ. އަދި ޖޭޕީގެ 3،788 މެންބަރުންވެސް އެމްޑީޕީގެ ދަފްތަރުގައި ތިއްބެވެ. މީގެ އިތުރުން އެމްޑީއޭގެ 1،761 މެންބަރުންނާއި، އެމްޓީޑީގެ 1،048 މެންބަރުންނާއި އެމްއާރްއެމްގެ 1،029 މެންބަރުން ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ދަފްތަރުގެ މައްސަލައިގައި ރައީސް ނަޝީދު މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކަކީ އަބަދުވެސް މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ އެއް އަހަރު ތެރޭގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ހަގީގީ މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 39،000 މެމްބަރުން ޕާޓީން ވަކިކޮށްފައި ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި ވަކިކޮށްފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ނުފެންނަ މެމްބަރުން ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު"ގެ ލިންކް ޓްވީޓްކޮށް، އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ އެ ފޯމު ފުރިހަމަކޮށް، އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުމަށް އަންގާފަ އެވެ. އެ ޝަކުވާއެއް އިލެކްޝަނަށް ހުށައެޅުމުން އެކަން ބަލައި އެ މެންބަރަކު އެމްޑީޕީ އަށް ރުޖޫއަ ކޮށްދޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ރައީސް ނަޝީދު މީގެކުރިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވެސް ވަނީ އެމްޑީޕީގެ ދަފްތަރު ގަނޑުބަނޑުކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވާ ކަންތައްތަކެއް ފައްޔާޒުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ނަމަވެސް ނަޝީދުގެ ތުހުމަތު އެމްޑީޕީން ގެންދަނީ ދޮގުކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ޖެނުއަރީ 28 ގަ އެވެ. އެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.