އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ސިފައިންގެ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާ ތަރައްގީ ކުރުމަށް އިންޑިއާ އިން އިތުރު އެހީތަކެއް ދޭން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން، އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސެނަހިޔާ އިން ދޭ ފަރުވާ ރަނގަޅު ކުރުމުގެ ގޮތުން އިންޑިއާއިން އެ ހޮސްޕިޓަލަށް އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނެއް ހަދިޔާ ކުރުމަށް ނިންމައި އެކަމުގެ ޔަގީންކަން އެ ގައުމުން ދިން ކަމަށެވެ. އަދި މި ދަތުރުގައި އަސްކަރިއްޔާގައި ބޭނުން ކުރުމަށް ހާއްސަ މަތިންދާ ބޯޓަކާއި އިތުރު ހެލްކޮޕްޓަރެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެ ދަތުރުފުޅުން އެންމެ ބޮޑަށް ހާސިލްވެގެން ދިޔަ އެއް ކަމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ދޭ އެހީތައް ހުރިހާ ގޮތަކުން ވެސް އިތުރު ކުރުމަށް އެއްބަސްވުމެވެ. އެގޮތުން ދިވެހި ސިފައިންނަށް ތަމްރީން ކުރުމަށް އިންޑިއާއިން ދޭ ފުރުސަތުތައް އިތުރު ކުރުމާއި މިހާރަށް ވުރެ ގުޅިގެން ދެ ގައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރުމަށް އަދި އަސްކަރިއްޔާ އަށް ބޭނުންވާ ތަފާތު އަސްކަރީ ސާމާނު ހޯދުމަށް އެހީތެރިކަން އިތުރު ކުރުމަށް ވެސް އެއްބަސްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކަންކަމާ ގުޅޭ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއި ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ވަރަށް ކާމިޔާބު ދަތުރެއް. ދެ ގައުމުގެ އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން މި ދިޔައީ. އިންޑިއާއިން ދޭ އަސްކަރީ އެހީތައް މިކަމުން އިތުރުވެގެން ދާނެ. މީގެ އިތުރަށް އެހެން ވެސް ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން އެހީތައް އިތުރު ކުރަން ވެސް މަޝްވަރާތައް ކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ގައުމުގެ ފޮރިން ސެކްރެޓަރީއާ ވެސް މިނިސްޓަރު ބައްދަލު ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތަކުގައި ހާރިޖީ ސިޔާސަޔަތާއި އަސްކަރީ ސިޔާސަތުތަކާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރެއްވި އެވެ. އަދި ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދިނުމުން އެކަމަށް އިންޑިއާއިން ވަރަށް ބޮޑަށް މަރުހަބާކީ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާއަށް މި ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އެއާރ ސްޓާފާއި، ޗީފް އޮފް ނޭވީ ސްޓާފް، އަދި ޗީފް އޮފް އާރމީ ސްޓާފްގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލްއާ މިނިސްޓަރު ވަނީ މި ދަތުރުފުޅުގައި ބައްދަލުކުރައްވާފަ އެވެ.