ކްރިމިނަލް ކޯޓް

ކުރީގެ މެންބަރު ޔޫސުފް ނައީމު ތިން އަހަރަށް ޖަލަށް

Dec 25, 2022

ވ. އާރަށް ކުއްޔަށް ހޯދީ ރިޝްވަތު ދެއްވައިގެންކަން ސާބިތުވުމާ ގުޅިގެން ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ނެގުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ރިޝްވަތު ދެއްވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ދައުލަތުން އުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވޭ ހުކުމްކޮށްފައިވަނީ އޭނާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.

އަދަބުގެ ކަނޑައެޅުމުގެ މަރުހަލާގައި ޔޫސުފް ނައީމުގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ އުމުރުން 52 އަހަރުގެ ޔޫސުފް ނައީމުގެ ބަލި ހާލަތު ހުރި ގޮތުންނާއި އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތުމުން ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އަދަބު ލުއިކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އަދަބުގެ އެއްބައި ނުވަތަ ބޮޑު ބައި ގޭބަންދަށް ބަދަލުކޮށްދިނުމަށް ނުވަތަ އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށްވެސް ހުށަހެޅުއްވި އެވެ. އެކަމަކު ދައުލަތުން އެދުނީ ޔޫސުފް ނައީމަށް ގާނޫނުގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު ގާޒީ ވިދާޅުވީ ކުށުގެ އަދަބު މަތިކޮށް ދަށްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.