މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކޮޅިގަނޑުގެ އަސަރު އުތުރަށް ކުރާނެ: މެޓް އޮފީސް

އިންޑިއާ ކަނޑުގެ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު މިރެއާއި މާދަމާ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މި ބާރު ގަދަ ކޮޅިގަނޑު އިއްޔެ ސްރީލަންކާ ހުރަސްކޮށްފައިވާ ކަމަށެވެ. އަދި ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑު ތެރޭ ލޯ ޕްރެޝާ އޭރިއާއެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކޮޅިގަނޑުގެ އަސަރު އުތުރުގެ ރަށްތަކަށް ކުރާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މިގޮތުން އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ދުވަސްވަރަކީ ސްކޫލް ބަންދާ ދިމާކޮށް ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމުގެ އިތުރުން މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބެލުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފުން ވަނީ ފަށާފަ އެވެ. މިމަހުގެ 23 ވަނަ ދުވަހު ފެށި އެ އޮޕަރޭޝަން އަންނަ މަހުގެ އަށްވަނަ ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.