ނިކަން އިސް މަގާމެއްގައި ނިކަން ބިޒީކޮށް އުޅުއްވާ އެކަމަކު އާއިލާއާ އެކުގައި ވެސް އެހާމެ ގިނަ ވަގުތު ހޭދަކުރައްވާ ފަސް ކުދިންގެ ބައްޕައަކާ ކުރި އިންޓަވިއުއެއްގެ ތެރެއިން ދެކެވުނު ވާހަކަ އަކުން ފަށައިގަންނަމާ ހިނގާށެވެ. އެ ވާހަކައެއް ދެކެވެމުން ދިޔައީ ދަރިން ތަރުބިއްޔަރުކޮށް އިސްލާހުކުރުމާ ބެހޭ ގޮތުންނެވެ.
"ކުދިންނަށް އަދަބު ދޭން ޖެހޭނެ. ބަސް ނާހައި ބޮޑާ ހާކާ ނަމަ ތަޅަން ވެސް ޖެހޭނެ. އެއީ އޭގެ ސަބަބުން އޭނާ އަށް ފަހުން އެއްޗެއް ދަސްވެ އިބްރަތްތަކެއް ހާސިލުވެގެންދާނެތީ،" އޭނާ ބުނީ މިހެންނެވެ.
އިތުރު ވާހަކައަކަށް ދިއުމުގެ ކުރިން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދަރިން ތަރުބިއްޔަރުކޮށް އިސްލާހުކުރަން ޖެހޭ ގޮތުގެ ބަހުސަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ނިކަން އަޑުގަދަވެ ހޫނުވެފައި އޮތް ސުރުހީއެއް ކަމެވެ. ދޮށީ އުމުރުގެ ބައެއް މީހުންގެ ހިޔާލުގައި "އެމީހުން އަހުލާގު ރަނގަޅު ބަޔަކަށް" ބަދަލުވުމުގެ ސިއްރަކީ ކުޑައިރު މަންމަ ނުވަތަ ބައްޕަގެ ފަރާތުން ލިބުނު އަދަބެވެ. ނުވަތަ އިލޮށިފަތި ރޫޅި ކުދިކުދިވަންދެން އެމީހުންގެ ގައިގައި އެއިން ތަޅައި ހަން ނަގާލާފައިވާތީ އެވެ.
ބައެއް މީހުންގެ ހިޔާލުގައި އެއީ އިންސާނިޔަތުކަމެއް ނެތް ރަހުމްކުޑަ އަނިޔާ އެވެ. އެއްގޮތަކަށް ވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭ ގޮތެއް ނޫނެވެ.
އަހުލާގާއި އަދަބުގެ ތަފާތު ވަރަށް ބޮޑު
އެކަމަކު އަޅުގަނޑުމެންގެ ރަދީފުގައި "އަދަބު" ގެ މާނަކޮށްފައި އޮންނަ ގޮތުން "އަދަބަކީ" ހުރިހާ ކަމެއްގެ ހައްލު ކަމަށް ވިސްނުމުގެ ފުރުސަތު އެބައޮތެވެ. ދިވެހިން ދަންނަ އެތައް "އަދަބެއް" އޮވެ އެވެ.
އެންމެ މަޝްހޫރު "އަދަބަކީ" އިހްތިރާމް އަދާކުރުމާއި ކިޔަމަންތެރިވުމެވެ. އަހުލާގު ރަނގަޅުކަމެވެ. ދެން އެއަށް ފަހު މި އަންނަނީ އުގޫބާތުގެ ވާހަކަ އެވެ.
މިހެންވީމަ "އަދަބު" ދީގެން ދަރިއަކު ކިޔަމަންތެރިކޮށް ބަސްއަހައި އެހެން މީހުންނަށް އިހްތިރާމްކުރާ ކުއްޖަކަށް އެ ކުއްޖަކު ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރާ ފިކުރެއް އުފެދުމުގެ ފުރުސަތު ބައެއްގެ މެދުގައި އުފެދިދާނެ ކަމަށް ގަބޫލުކުރެވިދާނެ އެވެ. ވަކިން ހާއްސަކޮށް ބޯދާ ހިޔާލުތަކަށް ބަލާއިރު މިއީ މަގްބޫލު ވިސްނުމެކެވެ.
މިހާރު ވެސް ދޮށީ އުމުރުމުގެ މީހެއްގެ ގާތުގައި ދަރިން ތަރުބިއްޔަތުކުރަން އެންމެ ރަނގަޅު ގޮތަކީ އަދި ބަސް ނާހައި އުޅޭ ކުއްޖާ މައިތިރިކުރަން އޮތް އެންމެ މޮޅު ގޮތަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ އެންމެ ފަސޭހަ ޖަވާބަކަށް ދޭނީ "އަދަބު" އެވެ.
އެކަމަކު ހަގީގަތަކީ ރަދީފުގައި "އަދަބު" ގެ މާނައަކަށް އަހުލާގު އޮތަސް އަދަބު ދީގެން އަހުލާގެއް ނުކުރެވޭނެ ކަމެވެ. މިއީ ސައިންސާއި މިއަދުގެ ޒަމާނީ ހޯދުންތަކުން ތަޖުރިބާކާރު އިލްމުވެރިން ސާބިތުކޮށްދީފައިވާ ކަމެކެވެ.
އަދަބުން ނަގައިދޭ ފިލާވަޅަކީ ވެސް އަދަބެވެ.
ކުޑަކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުން ދަސްކުރާ ކުދިންނެވެ. މިއީ ވަރަށް ބޮޑު ހަގީގަތެއްކަން ކޮންމެ މަންމައަކު އަދި ބައްޕައަކު ވެސް ގަބޫލުކުރާނެ އެވެ. އަދި އިވޭ އަޑުތަކަށް ވެސް ދަރިފުޅުގެ ސިކުނޑި ފަސޭހައިން ހުޅުވޭކަން މައިންބަފައިންނަށް އެނގޭނެ އެވެ.
ފާހަގަކޮށްލަން ޖެހެނީ ދަސްކުރުމުގެ މި މަރުހަލާގައި ކުދިން އެންމެ ބޮޑު ނަމޫނާއަކަށް ނުވަތަ އެ ކުދިންގެ އެންމެ ބޮޑު ޓީޗަރަކަށް ބަދަލުވެގެން ދަނީ އެންމެ ގާތުން ފެންނަން ހުންނަ މަންމަ އާއި ބައްޕަ ކަމެވެ. އެހެންވީމަ އެ މަންމަ އާއި ބައްޕަގެ އަމަލުތަކުގެ އަސަރު ދަރިފުޅަށް ކުރާ މިންވަރު ހަގީގަތުގައި ވަރަށް ވެސް ބޮޑެވެ.
ކަންމިހެން އޮތްވައި ދަރިފުޅަށް އަދަބު ދިނީމަ ދަރިފުޅަށް ވެސް ދަސްވާނީ އެ އަހުލާގެވެ. ބުލީއެއްގެ ޝިކާރައަކަށް ވެފައި ހުންނަ ކުއްޖާ ފަހުނުް ބުލީއަކަށް ބަދަލުވެފައި ހުންނަ މަންޒަރު ނުދެކެނީ ކާކު ހެއްޔެވެ؟
މަންމަ އަށް ކުޑައިރު ލިބުނު އަދަބު ދަރިފުޅަށް ދޭކަށް ނުޖެހޭ!
ވާގޮތަކީ މިއީ އެވެ. ބައެއް ދޮށީ އުމުރުގެ މައިންނާއި ބަފައިންނަކީ އެމީހުންގެ ކުޑައިރު އެމީހުންގެ މައިންބަފައިންގެ ފަރާތުން އެކި ފެންވަރުގައި އަދަބު ލިބިފައިވާ މީހުންނެވެ. ބަސް ނާހައިގެން އިސްލާހުކުރަން އަދަބު ދީ އަނދަގޮނޑި ވެސް ޖަހައިފައި ތިބޭ މީހުންނެވެ. ނިކަން ވިސްނާބައްލަވާށެވެ. އޭރުގެ ދިވެހިންނަކީ ބަސް ނާހައި، އެކުވެރި އެހެން ކުދިންނާ އެކު ބޭރަށް ހިތްހަމަޖައްސާލަން ދާ ކުއްޖާގެ ކަންފަތުގެ ފޫޅުގައި ހިފައި ދަމައި ގެއަށް ގެނެސް ރުއްގަނޑެއްގައި އަނދަގޮނޑި ޖަހައި އަތްވަށް ނެރެފައިވާ ބާއްވާ ބެލެނިވެރިންނެވެ.
އެއީ އެއްގޮތަކަށް ވެސް ދަރިން ތަރުބިއްޔަތުކޮށް އަދަބުވެރި ކުރުވުމެއް ނޫނެވެ. އެއީ އެންމެން ބަންދުކުރަން ގޮވާލާ ގުއަންޓަނާމޯ ބޭ ޖަލުގައި އަދަބު ދިނުން ކަހަލަ ކަމެކެވެ.
ވިސްނާލަން ޖެހޭ ކަމަކީ މަންމަ އަށް އަދި ބައްޕަ އަށް ކުޑައިރު އަނިޔާ ނުވަތަ އަދަބު ލިބިފައި ހުއްޓަސް އެއީ އެމީހުންގެ ކުދިންނަށް އަދަބު ލިބެން ޖެހޭ ސަބަބެއް ނޫން ކަމެވެ. އަދި މަންމަ އަށް ނުވަތަ ބައްޕަ އަށް އަދަބު ލިބުނޭ ކިޔާފައި ދަރިންގެ ގައިގައި ތަޅައި ދަންމަވާލުން ރަނގަޅު ބެލެނިވެރިކަމަކަށް ވެސް ނުވާނެ ކަމެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިފަދަ އަހުލާގެއް ދަރިފުޅަށް ދެއްކުމުގެ ސަބަބުން ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދު އޮންނަ ގާތް ގުޅުން ވެސް ހީނަރުވެގެން ހިނގައިދާނެ އެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އަދަބު ލިބޭ ކުދިންނަކީ އެމީހުންނަށް އަދަބު ލިބޭ އަމަލު ދޫކޮށްލުމަށް ވުރެ ބޮޑަށް އަދަބަށް ފިލަން މަސައްކަތްކުރާ ކުދިންނެވެ. އެހެންވީމަ އެންމެފަހުން އެ ދަރިފުޅު، އޭނާ އަށް އަދަބު ދޭ މަންމަ ނުވަތަ ބައްޕަ އަށް ފިލަން މަސައްކަތްކުރާ ހިސާބަކަށް މި މައްސަލައެއް ގޮސްފި ނަމަ ދެން ވާނެ ގޮތް ވިސްނާލާށެވެ.