އައިޝަތު ބިޝާމް

ޖަލު އޮފިސަރުން ގައިދީންނަށް އޯގާތެރިކޮށް ހިތަންޖެހޭނެ: ޕީޖީ

ޖަލުގައި މަސައްކަތް ކުރާ ކޮންމެ ޖަލު އޮފިސަރަކުވެސް ގައިދީންނާމެދު އަމަލު ކުރަންވާނީ އެހެން މީހުން ތިމާޔާމެދު އަމަލުކުރަން އެދޭގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމެންޓް އެންޑް ސެކިއުރިޓީގެ ސެޓްފިކެޓް 3 ގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ ޖަލު އޮފިސަރުން ފަދައިން ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަކީވެސް އިންސާނުން ކަމަށާއި އެމީހުންނާމެދު އަމަލުތައް ބަހައްޓަން ޖެހޭނީ އޯގާތެރިކަމާއެކުގައި ކަމަށެވެ.

ބިޝާމް ވިދާޅުވީ ރާއްޖެއަށް "ޒުވާން ނޫކަށި ފުރައިގެ" އޮފިސަރުން ބޭނުންވާ ކަމަށެވެ. އަދި މި އޮފިސަރުން ހަނދާނުގައި ބަހައްޓަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ "ޑީލް" ކުރަން ޖެހެނީ ހަމަ އިންސާނުންނާ ކަމަށާއި އައި ހުރިހާ ގައިދީންނާމެދު އިންސާފުން ކަންތައްތައް ކުރުން ކަމަށެވެ.

އަދި މީގެ އިތުރުން ބިޝާމްގެ ވާހަކައިގައި ޖަލު އޮފިސަރުންގެ ވަޒީފާގެ ނުރައްކާތެރި ކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ.

""މި ވަޒީފާ އަކީ ފަސޭހަ ވަޒީފާއެއް ނޫން. ނުރައްކާތަކާއި ގޮންޖެހުންތަކާއި ދިމާވާނެ. އިންޒާރުތައްވެސް އަންނާނެ. އެހެން ނަމަވެސް އަބަދުވެސް ޕްރޮފެޝަނަލިޒަމް ހިފަހައްޓަން މަސައްކަތް ކުރަންވާނެ" އިބްތިޝާމް ވިދާޅުވި އެވެ. ކޮންމެ ވަގުތެއްގައި އަދި ކޮންމެ ހާލަތެއްގައިވެސް ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށް ބިޝާމްގެ ވާހަކައިގައި ތަކުރާރުކޮށް ނަސޭހަތްތެރިވި އެވެ.

ބިޝާމް އިތުރަށް ވިދާޅުވީ ކޮންމެ އޮފިސަރެއްގެ ޒާތީ ދިރިއުޅުމުގައިވެސް ކަންތައްތަކާއި ދިމާވާނެ ކަމަށާއި ނަމަވެސް އެކަން މަސައްކަތުގެ މާހައުލުގައި ފެނިގެން ނުވާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމުގެ އަސަރު ޒާތީ ދިރިއުޅުމުގެ ތެރެއިން ފެނިގެން ނުވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި 19 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ. އަދި އެ އޮފިސަރުންނަށް މަގާމުގެ ހުވާ ލައިދެއްވާފައިވެ އެވެ. މަގާމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ އަލީ އެވެ.